އެކުވެނި ޓްރެކް ސަރަހައްދުގައި ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވޯޑަށް ބަދަލުކޮށްފި އެވެ.

މި މަހުގެ 4 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަންހެނަކު ނިޔާވިއެވެ. އަދި ތިން އަންހެނަކާއި ދެ ފިރިހެނުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އޭގެ ތެރެއިން ހަތަރު މީހަކަށް ދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ އައިސީޔޫގައި އޮތް ހަތަރު މީހުންގެ ތެރެއިން ދެ މީހަކު މިހާރު ސާޖިކަލް ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވޯޑަށް ބަދަލުކޮށްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އައިސީޔޫގައި ފަރުވާ ދެމުންވެސް ދަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ކުރިން ވިދާޅުވީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އެކުވެނި ދަނޑު ކައިރި ބޭރުން ދުއްވާފައި ދިޔަ ކާރެއް އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، އެ މަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެން ކަމަށެވެ.

މިއެކްސިޑެންޓްގެ ސަބަބުން ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑު ވެފައެވެ. ކާރުގެ އެތެރޭގައި ތިބި މީހުން ކާރުން ނެރެން ޖެހުނީ ވެސް ކާރުގެ ދޮރު ކީހާލައިގެންނެވެ. އެކްސިޑެންޓްގައި ބަހަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ނަމަވެސް ފުރަތަމަ އެކްސިޑެންޓްގެ ދެކާރުގެ ތެރެއިން ދެވަނަ ކާރަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު