ނިމިދިޔަ ޖޫން މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 5.2 ބިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

ކަސްޓަމުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖޫން މަހު އެކްސްޕޯޓް އަދި އިމްޕޯޓުން 394 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 44 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ޖޫން މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 247 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 60 އިންސައްތައިގެ ކުރިއެރުމެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑަށާއި ޖަރުމަންވިލާތަށާއި އިނގިރޭސިވިލާތަށާއި އިންޑިއާ އަދި ފްރާންސްއަށެވެ.

ރާއްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑްއަށެވެ. އެއީ ބޭރުކުރި މުދަލުގެ 60 ޕަސެންޓެވެ. ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޖަރުމަނަށް އެކްސްޕޯޓްކޮށްފައި ވަނީ 10 އިންސައްތަ މުދަލެވެ. އިނގިރޭސިވިލާތަށް އެކްސްޕޯޓްކޮށްފައި ވަނީ އަށް އިންސައްތައެވެ.

ފާއިތުވި މަހުވެސް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައި ވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނެނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި މެލޭޝިއާއެވެ. އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އިންޑިއާ އިން 636 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އިން 558 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީއިން 435 މިލިއަން ރުފިޔާގެ މުދަލުގެ އިތުރުން މެލޭޝިއާއިން 428 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.