މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ލ. އަތޮޅުން ފެށިގެން އައްޑީ ސިޓީއަށް މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30 އަށް ހުދު ސަމާލު ނެރޭ ކަމަށެވެ.

އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 14:30 އަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވެސް ހުދު ސަމާލު ނެރިފަ އެވެ.

އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 20 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ.

މެޓް އޮފީހުން ބުނީ މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.

އެހެންވެ، ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.