ގދ. ތިނަދޫ ބޭރުން މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށެވެ. އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

އޮޔާދާ އުޅަނދުތަކާއިމެދު ސަމާލުވުމަށް އެމްއެންޑީއެފް އިން ދޭތެރެދޭތެރެއިން އިލްތިމާސް ކުރެއެވެ. އޮޔާދާ މިފަދަ އުޅަނދުތަކަކީ އެއްވެސް އަލިކަމެއް ނުހުންނަ އުޅަނދުތައް ކަމަށް ވާތީ މިފަދަ އުޅަނދެއްގައި އެހެން އުޅަނދެއް ޖެހި މުޑިއަރައިފިނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.