ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް، މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި "ކުނިން ނަފާ" މިނަމުގައި ހިންގާ ތަމްރީން ޕްރޮގުރާމެއް އިއްޔެ ފަށައިފިއެވެ.

މިއީ މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ޚާއްޞަކުރެވިގެން އެންވާރްމަންޓް މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ހިންގާ ތަމްރީން ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެންވާރްމަންޓް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވޯކްޝޮޕް ފަށްޓަވައި ދެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙްއާއި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންޞާރުއެވެ. މިދެބޭފުޅުންގެ ވާހަކަފުޅުގައި، ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ އެއްފަރާތަކީ މާލޭސިޓީގެ ޑަބްލިއުޑީސީ ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފެށުނީ ވަރަށް މުހިންމު ޕްރޮގްރާމެއްކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

"ވޭސްޓަކީ ވޭސްޓުނޫން" ކަމަށާއި އެއީ ނަފާއާއި މަންފާ ހޯދިދާނެ މުހިއްމު ވަސީލެއްތަކެއްކަން މިއަދު މުޖުމަޢު ޤަބޫލުކުރަން އެބަޖެހޭކަމުގައި ވިދާޅުވިއެވެ.

މާލޭސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) މެންބަރުންނަށް ޚާއްޞަކުރެވިގެން ހިންގޭ ތަމްރީން ޕްރޮގްރާމުން ތަމްރީން ލިބިވަޑައިގަންނަވާ މެންބަރުން އެމެންބަރުންގެ ދާއިރާތަކުގައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގަވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި ކަމާއިބެހޭ އަމަލީ މަސައްކަތްތައް މާލޭގެ ގޭބީސީތަކުގައިވެސް މިއަންނަ މަހު (ސެޕްޓެމްބަރ 2022) ކުރީކޮޅު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ޖޫންމަހު އެއްވަނަދުވަހު (1 ޖޫން 2022) ސަރުކާރުން ތަންފީޒް ކުރައްވަން ފެއްޓެވި ކުނިމެނޭޖްކުރުމުގެ އާ ސިޔާސަތުގެ ތެރެއިން ކުނި ބައިބައި ކޮށްގެން ނެރެ އުކާލުމުގެ މަސައްކަތްތަކަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ވަރަށް އެދެވޭ ބޮޑުތަރުހީބެއް ލިބެމުންދާކަން މިނިސްޓްރީން ޝުކުރުވެރިކަމާއިއެކު ފާހަގަކުރެއެވެ.

އަދި މިކަމުގައި މެވްކޯގެ ހީވާގި މުރާލި މުވައްޒަފުން ކުރަމުންދާ ބުރަމަސައްކަތްތަކަކީ ކުނިމެނޭޖްކުރުމުގެ އާ ސިޔާސަތުގެ ކާމިޔާބުވުމަށްޓަކައި އެންމެ މުހިއްމު މަސައްކަތްތަށްކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ހެޔޮގޮތުގައި އަދި ނަފާހުރި ގޮތުގައި ކުނިމެނޭޖްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތަށާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި އެންމެ ފައިދާ ކުރަނިވި ކަމެކެވެ.

މިކަމަށްޓަކައި ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އެއްސަރަހައްދެގައި ދިރިއުޅޭ މާލެ ސަރަހައްދުގެ ކުނިމެނޭޖް ކުރުމުގެ 300 މިލިއަން ޑޮލަރުގެ ބޮޑުމަޝްރޫއެއްވަނީ ފެށިފައެވެ. މިމަޝްރޫއުގެ ތެރެއިން، އެންމެ ފުރިހަމަގޮތުގައި ކުނިމެނޭޖްކުރުމާއި، އެންމެ ފައިދާހުރިގޮތުގައި ކުނިން ނަފާއާއި މަންފާ ހޯދުމުގެ ޒަމާނީ އެންމެފަހުގެ ވަސީލަތްތައް ގާއިމުކުރެވި އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެއެވެ. މިއާއިއެކު އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި މިމަސައްކަތް ކުރާފެންވަރަށް ރާއްޖޭގައިވެސް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބަރުބޭ

    އިންތިޚާބ އެބަ ކައިރިވޭ! ވައުދުތަކުން ހިރަފުސް ފޮޅަނީ ދޯ؟ ކަނޑުގައި 100 މޭލުދުރުގައި އަޅާ ކަންލި ފެކްޓަރީތައް ، ވިލިމާލެ ބްރިޖް ، އަތޮޅުތަކުގައި ކަނޑުގައި އަޅާ 4 ބްރިޖް ، ރަށްރަށް ގުޅާ 13 ކޯޒްވޭ~ ، މަހަށް ހަމައަގު ، ފޫޅުމައިފޮށި ، ގޭދަށު 90 މަސްފެކްޓަރީ ، ސުކޫލުނިމި ވަޒީފާއަކަށް ދާންދެން ދޭ ޢިނާޔަތް ، މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރު ، އއްޑުއަށް ޕައުންޑް ، 10 މިނެޓުން ދަތުރުކުރެވޭހިސާބުގައި އަޅާ އެޔަރޕޯޓުިތައް ، ކުނިން ފައިސާ ، އަގުހެޔޮ ތެޔޮ ، ބޯޓުޔާޑުގައި ބަންނަ ލޯންގްލައިވް ފިޝިންގ 100 މަސްދޯނި ، 10ރަށެއްގައި އަޅަންވަޢުދުވި ދޯނިއެހެލާ ޒަމާނީ ތަންތަން ، ހުރިހާ ރަށެއްގައި 100 ޓަނުގެ އައިސްޕްލާންޓް ، މިހެންމިހެންމިހެންގޮސް ގުނާ ޢަދަދުނުވާނެ!

  2. ދިވެހި ޒުވާނުން

    އަންހެނުންނަށް ވީތީތޯ އެމީޙުންނަށް ތި އަމާޒުކުރަނީ ތިބާވަތުގެ އާދައިގެ ކަންކަން ތިކަން އަމާޒުކުރަންވީނޫން މުއިއްޒުމެންނަށް ސިޓީ ކައުންސިލަށް އެމީހުންނެކޭ އެއްގޮތަށް އަންހެނުންގެ ކޮމިޓީ ތަކަކީވެސް އަހަރެެމެން ރައްޔިތުން އިންތިޚާބުކުރި އިއްޒަތެރި މެމްބަރުން. އަންހެނުންވީމާ ކައްކާފަ، ސާފުކޮށްފަ ބަށި ކުޅެފަ މީ ދެންކޮންކަމެއް. ނިކަން އަންހެނުން ކެރި މި އިޝާރާތް ކުރި ސަފުން ނުކުމެ ނިކަން ގައުމު ހިންގާލަ ބަލަ

  3. Anonymous

    ކުނި ޑަލަރަށް ބަދަލުވަނީއޯ ! އޯ ގަދަ ސަރުކާރެއް.