މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔާ ސޭފްޓީ ޑްރިލްއެއް ބާއްވައިފިއެވެ.

އިއްޔެ މެންދުުރުފަހު 15:00 އިން އިރުއޮއްސި 18:00 އަށް މާލޭ ވިޔަފާރިވެރިންގެ ބަނދަރުގައި ކުރިއަށް ގެންދިޔަ މި ޑްރިލްގައި އަލިފާނުގެ ހާދިސާއަކުން ސަލާމަތްވާނެ ގޮތް ވަނީ މުވައްޒަފުންނަށް ދަސްކޮށްދެވިފައެވެ.

އެމްޕީއެލުން ބުނީ، ވިޔަފާރިވެރިންގެ ބަނދަރަކީ ބާރުބޮޑު މާލެ މީހުން ދިރުއުޅޭ ސަރަހައްދާއި ކައިރީގައި އޮންނަ ބަނދަރެއްކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދު ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތްތަނުގައި ވެސް އަލިފާނުގެ ހާދިސާ ފަދަ ކަންކަމުން ރައްކާތެރިވެތިބުމަށާއި އެފަދަ ކަމެއް ހިނގައިފިނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލްތަކާއި ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޕީއެލުން ވަނީ މާލެ ވިޔަފާރި ބަނދަރާ އެ ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ ޕޯޓެއްގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އަބަދު ވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.