މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ކްރިމިނަލް ކޯޓުން މިނިވަންކުރުމުން، އަލުން އޭނާ ބަންދުކުރުމަށް އެދި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފިއެވެ.

ޔޯގާ މައްސަލައިގައި ފުލުހުން ޝެއިހް ފަޒްލޫނާއި ނިޝާން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޔޯގާ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހުންގެ ތެރޭގައި ޝެއިހް ފަޒްލޫން ހިމެނެއެވެ.

މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހެއްހާ ދުވަހު ފަޒްލޫން ހުންނެވީ ފުލުހުންގެ ބަންދުގައި ޖަލުގައެވެ. ކްރިމިނަލް ކޯޓުން ޝެއިހް ފަޒްލޫން މިނިވަންކުރީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.

ޝަރުތުތަކަކާއެކު ފަޒްލޫން ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުުރުމުން އެކޯޓުން ފުރަތަމަ ނިންމާފައިވަނީ މައްސަލަ ބަލައިނުގަންނާށެވެ.

އެކަމަކު ފަހުން ދައުލަތުން ވަނީ އިސްތިއުނާފު ބަލައިނުގަންނަން ނިންމި ނިންމުން ރިވިއުކުރަން އެކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފޮނުވާފައެވެ. ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ އެ މައްސަލަ ބަލައިގަންނާށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލްކޮށްފައިވަނީ މިއަދުގެ މެންދުރުފަހު 1:45 އަށެވެ.

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ހައި ކޮމިޝަންތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިންނާއި އާންމުން ގަލޮޅު ދަނޑުގައި ހަރަކާތްތައް ބާއްވަމުން ދަނިކޮށް، ގަދަކަމުން އެތަނަށް ބަޔަކު ވަދެ، އެ ހަރަކާތުގައި ބައިވެރިވި މީހުންނާއި ކުރިމަތިލައި، މާރާމާރީ ހިންގާ، އެ ތަނުގައި ހުރި ތަކެއްޗަށް ވަނީ ގެއްލުންދީފައެވެ.

ނަމަވެސް ހަމަނުޖެހުންތައް ހިނގިއިރު އެ ސަރަހައްދުގައި ދީނީ އިލްމުވެރިޔާ ފަޒްލޫނެއް ނެތެވެ. އަދި، މަޝްރަހު ހޫނުވުމުން އޭނާ ވަނީ އެއްވުން ނިންމާލީކަން އިއުލާނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާނޭ

    ޔޯގާ ހިމާޔަތް ކުރުމުގެ ގޮތުން ޢިލްމުވެރިންނަށް އަދަބު ދިނަސް މީ ތަންފުކެއް ބޮޑުވަރު. އެއް ގޮތުން ނޫނީ އަނެއް ގޮތަކުން ނަމަވެސް އެމީހުންނަށް އަދަބު މިދެނީ އުތެމަ ގެ މުޝީރު ޝަމީމު. ބަލަން ހުންނާތި! މިނޫން ދުވަހެއްވެސް އަންނާނެ ކަން. ތިމީހުންނަކީ ޤިޔާމަތް ދުަވަސް ވެސް ޤަބޫލު ނުކުރާ މީހުން.