ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހްމަދު ހުސެއިން މިއަދު އަވަހާރަވެއްޖެ އެވެ.

ޗީފް އޮފް ޕްރޮޓޮކޯލް އަކީ ރާއްޖެއަށް ޒިޔާރާތް ކުރައްވާ އެކިއެކި ގައުމުތަކުގެ ވެރިންނާއި ޑިޕްލޮމެޓުންގެ ދަތުރުތަކުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސެވުމާއި ހަވާލުވެ ހުންނަވާ އެންމެ އިސް ބޭފުޅާއެވެ.

މުހައްމަދު އަހްމަދު ހުސެއިން ޗީފް އޮފް ޕްރޮޓޮކޯލްގެ އިތުރުން ވެސް އެކި މަގާމްތަކުގައި ދައުލަތަށް ގިނަ ދުވަސްތަކަކު ހިދުމަތް ކުރައްވައިފަ އެވެ. ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ރައީސް އޮފީހާއި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ވެސް އޭނާ ފުރުއްވެވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިޖީއެމްއެޗު ހިންގެވުމާ ވެސް ހަވާލުވެ ހުންނެވި އެވެ.

މުހައްމަދު އަހްމަދު ހުސެއިން މިއަދު އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.

މުހައްމަދު އަހްމަދު ހުސެއިން އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހައްމަދު އަހްމަދު ހުސެއިން ފޮރިން ސާވިސްގައި ކޮށްދެއްވި ހިދުމަތްތައް އަބަދުގެ އަބަދަށް ހަނދާނުގައި ހުންނާނެ ކަމަށެވެ.

މުހައްމަދު އަހްމަދު ހުސެއިންގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    نّا لله وإنّا إليه راجعون.

    اللهم اغفر له، وارحمه، وعافه، واعفُ عنه، وأكرم نُزُله، ووسّع مُدخله، واغسله بالماء والثَّلج والبرد، ونقِّه من الخطايا كما نقَّيتَ الثوبَ الأبيضَ من الدَّنس، وأبدله دارًا خيرًا من داره، وأهلاً خيرًا من أهله، وزوجًا خيرًا من زوجه، وأدخله الجنةَ، وَأَعِذْهُ من عذاب القبر و من عذاب النار

  2. Anonymous

    ގައުމީ ދިދަ ބައދަނޑިއަށް ތިރިކުރަންވާނީ ކާފަރު އެލިޒަބަތަށް ވީމަތަ