ހދ. ކުޅުދުއްފުށީ ހޮސޕިޓަލުގެ އާ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ ނިންމާލައިފިއެވެ.

މިމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ، އެ އިމާރާތުގެ 64 އިންސައްތަ ނިންމައި، ޕޮއިންޓް ވަޔަރިންގ، ފިޓިންގްސް، މޭސަނަރީ އާއި ޕްލާސްޓަރިންގ މަސައްކަތްތައް ވެސް ނިންމާލެވިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 21 ކޮންސަލްޓެންސީ ރޫމާއި، ޓްރީޓްމަންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އިކޯ ރޫމުއްގެ އިތުރުން އީސީޖީ ރޫމެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 20.22 މިލިއަން ރުފިޔާ ހަރަދުކޮށްގެން 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވިގެންދާ އޯޕީޑީ އިމާރާތުގެ ސަބަބުން ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ބަލިމީހުން ބެލުމަށާއި މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.