އަމީނީ މަގުގައި ހުރި ގަސްތައް ބަހައްޓައިގެން އެމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށްވާތީ އެ މަގުގައި ހުރި ގަސްތައް އެހެން ރަށަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިއަދު ބުނީ އަމީނީ މަގުގައިހުރި ގަސްތައް މިހާރު ނެގި ނަމަވެސް އެ މަގު ހަދާ ނިމުން ގަސްއިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެ ކަމަށެވެ. މިހާރު އަމީނީ މަގުގައިހުރި ގަސްތައް މަގައިގެން ގެންދަން ނިންމާފައިވަނީ ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްގީކުރާ "ކުޑަގިރި"އަށެވެ.

އަމީނީ މަގު ހަދާ ނިމުމުން އެމަގު ފެހިކުރުމުގެ މަސައްކަތްކުރާނެ އާރުޑީސީން ބަޔާނުގައިވެ އެވެ.

"އަމީނީ މަގުގެ މަސައްކަތް ނިމޭއިރު އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސްއިންދާނެ އެވެ. މީގެ އިތުރުން އަމީނީމަގު އިތުރަށް ފެހިކުރުމަށްޓަކައި "ޓްރީފިޓް" ބަހައްޓާނެ އެވެ." އެ ބަޔާނުގައިވެއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އާރުޑީސީގެ ބަޔާނުގައި ގިނަ ދުވަސްވީ ބޮޑެތި ގަސްތައް ބަހައްޓައިގެން މަގު ހެދުމުގެ މަސައްކަތަކަށް ދިމާވެފައިވާ ބޮޑެތި ދަތިތައް ތަފްސީލްކޮށްދީފައިވެ އެވެ.

"،،، މިހާރުވެސް އެމަގައި ވަޅުލާގައިވާ ހޮޅިތަކާއި އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަޒަރުވަނީ ވަރަށްބޮޑަށް ކޮށްފަ އެވެ. އެހެން ކަމުން އަމީނީ މަގުގައިހުރި ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ."

އަމީނީ މަގުގެ ބޮޑެތި ގަސްތައް ނަގާތީ ބައެއް މީހުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަބްދޫ

    ގަސް އިންދަން ފެންނަނީ މަގުގެ މެދުގަ އޭރުން އިމާރަތްތަކަށް ގެއްލުން ނުވާނެ ގަސް ބިޔަވެގެން މައްސަލައެއްނުޖެހޭނެ މަގު ދެފަޅިޔަށް ބެހިފަ އޮންނާނެ.

  2. މުހައްމަދު އަންޖުމް

    މިގަސްތަކުގެ ސަބަބުން ގެއްލުން ވާކަން ކުއްލިޔަކަށް އެނގުނީމަ މައްސަލަޔަކީ އެގަސްތައް ބިޔަވެލިބެމުންދާ ހިޔަލުގެ ފަސޭހަކަން ލިބިލިބި ހުއްޓާ ކުއްލިޔަކަށް އެފަސޭހައިން ދުރުވާން ޖެހުނީމާ ފާޑުވެސްކިޔާނެ ބަވަންވެސް ބަވާނެ ދެން އަނެއްކާ ގަސްތަކެއްހެދި ހިޔާލިބެން އެހާދުވަސް ނަގާނެ މީހަމަ ގިނަބަޔަކަށް ތަކުލީފްލިބޭނެ ކަމެއްނޫންތޯ

  3. Anonymous

    " އެ މަގުގައި ހުރި ގަސްތައް އެހެން ރަށަކަށް ބަދަލުކުރަން ނިންމައިފިއެވެ" ކޮންކަހަލަ ނާތަހުޒީބު ބައެއް ތަ މީ، ބަލާބަލަ މިތާ ކައިރީ މިއޮތް އިންޑިޔާ، އެމީހުން ވެސް ގަހެއް ކަނޑާނުލާނެ، މަގެއް ހެދިޔަސް ފާރެއްރޭނިއަސް ގަސް ނުކަނޑާ އެހެން ކޮންމެވެސް ގޮތަކަށް އެކަންކުރާނީ، މީ ދެން ބެކްވާޑުބައެއް ހުވާ ،ގަސްއުފުރާފަ އާގަސް އިންދާނީޔޯ ކިހާ ދެރަކަމެއް ތަ

  4. ގަސްގަހާގެހި

    ތިހުރިހާގަހެއް ނުނަަގާވެސް މަގުހެދޭނެ ކިތިޔާވެސް ނުނަގާ ފުއްދާލެވެން އޮތް ގަހެއްނަމަ ކަނޑައި ނުލުން އެދެން

    1
    1
  5. ޜ

    ހަމަ އެއް ލަވައެއް...ކުރިން ރިންގް ރޯޑު ހެދި އިރު މިސަރުކާރުގައި މިހާރު ތިބިމީހުން ކިހާވަރެއް އެރުވި
    ކޮބައިތަ މިހާރު ހުމައިދާ އަބްދުލްގަފޫރު
    ޢޭރު އޮތް ސަރުކާރުން ވެސް ބުނީ ފަހުން ގަސް އިންދާނަމޭ....މިހާރު މިސަރުކާރުން ވެސް ބުނަނީ ގަސްއިންދާނަމޭ...ތިމާ މީހުންގެ ލޮލަށް އަމިއްލަ އިނގިލި ހެރެނީ....ގުއި ރޯނުގައި ޖެހެނީ

  6. ހަވާސާ ހާދިސާ

    މޮޅުވާހަކަ އެންވަރޮމެންޓޭކިޔައިގެން ދައްކަނީ މިސަރުކާރަކީ ފަނާކުރާ ސަރުކާރެއް ބިނާކުރުމުގެ ކުޑަވެސް ކަންފުޅެއްނެތް

  7. އަހްމަދު

    ކަމާނުބެހޭ މީހުން ފާޑުކިޔާނެ. އަޅާލާނެ ކަމެއްނެތް. އެމަގުގައި ގަސް އިންދީސަރުކާރުން. ގަސްތައް ނަގަނީވެސް ސަރުކާރުން. ދެންވެސް ގަސްއިންދާނީ ސަރުކާރުން.

  8. ހުވަދޫ އަލިބެއްޔާ

    ރަނގަޅު ނިންމުމެއް.. ބައެއް ކަންކަން ޤުރުބާން ކުރަން ޖެހޭ

  9. އަލީ

    މިއަށްވުރެ ބޮޑު، ބިންމަތި ފަސާދަ ކުރުމެއް އޮންނާނެތޯ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިއީ ކަރުގަ ވަޅިއެލުންފަދަ ކަމެއް!

  10. މުހުއްމާ

    ތިމާވެއްޓަށް ތިވަރުގެ ގެއްލުމެއްދޭއިރު ހާދަހާ ގިނަބައެއްގެ ލައުނަތް ލިބޭނެއޭ!