ހުޅުމާލެއިން ގެއްލިގެން ހޯދާތާ އެތައް ދުވަހެއް ފަހުން މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި ފުލުހުންގެ އިހުމާލު އިންތިހާއަށް އެބައޮތް ކަމަށާއި އެކަން އެގޮތަށް ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ ދޯދިޔާކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރައީ ވިދާޅުވެއްޖެއެވެ.

ރާއީ އެގޮތަށް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަތާ ދެ ހަފުތާ ފަހުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ކުރިމަތިން ހުޅަނގު ފަރާތުގައި އޮންނަ ގަސްގަނޑު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ މަރުގެ މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސަ ކުރައްވަމުންނެވެ.

އަޒްހާންގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށާއި، އަދި މަރުތަކުގެ މައްސަލަތައް ހައްސާސް މައްސަލަތަކެއް ގޮތުގައި ބަލާ، ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރަން ގޮވާލާ މިއަދު މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އޭނާގެ ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ. މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން އޮތީ ވިޕްލައިނެއް ވެސް ނެރެފައެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން ރާއީ ވިދާޅުވީ މި މައްސަލައިގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އަދި، އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދާ، އެހާ ކައިރީގައި އޭނާގެ ހަށިގަނޑު އޮތް އިރު، އެ ހޯދަން އެހާ ގިނަ ދުވަސް ނެގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާ މިހާ ބޮޑަށް ދޯދިޔާ ވެގެން މިއުޅެނީ އަދުގެ ހޯމް މިނިސްޓަރުގެ އިހުމާލުން"

"އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ ދޯދިޔާ މިނިސްޓްރީ އަކީ ހޯމް މިނިސްޓްރީ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ. އެބޭފުޅާގެ ޒިންމާއެއް އަދައެއް ނުކުރޭ. އެކިއެކި މަރުތައް ރާއްޖޭގައި ހިނގަމުން ދަނީ، އެންމެ ދެރަ، ކުޑަ ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލާފައި ކީއްތޯ ތިވަނީ ވެސް އަހާލާފަކާ ނެތް" އޭނާ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މިފަދަ މައްސަލައެއް މަޖިލިހަށް ބަލައިނުގަންނަން އެމްޑީޕީން ވިޕްލައިނެއް ނެރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވޭތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

މުހައްމަދު އަޒްހާން.

އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދާ ކައިރި ހިސާބުތައް ވެސް ދެހަފުތާ ދުވަސް ވީއިރު ފުލުހުން ނުބަލައި އޮތުމުން ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެމުން ފުލުހުން ވިދާޅުވީ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، މިފަދަ މައްސލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، މާލެއާއި ހުޅުމާލޭގައި ގާއިމު ކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހްގީގުގައި އަޒްހާން އާއި އެންމެ ފަހުން ބައްދަލުވިކަމަށް ފާހަގަ ކުރެވުނު މީހުންނާއި އެމީހުން ފޯރުކޮށްދިން މައުލޫމާތު، ފުލުހުންގެ ސީސީޓީވީ ފުޓޭޖްތަކާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތަކުގެ އެހީއާ އަދިވެސް އެހެނިހެން ގޮތްގޮތުން ކަށަވަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލައިގައި އަޒްހާން މަރާލާފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮމެންޓްކުރާމީހާ

    ކޮބާ އެމްޑީއެންގެ ގޮލާ

  2. ޑައެލޯގް

    ރާއީ ބުނަނީ ފުލުހުންގެ އިހުމާލު ބޮޑުވަނީ އިމްރާނުދޯދިޔާވީމަކަމެވެ. ބަލަ އިމްރާނު އެމަގާމުގައި 4 އަހަރުވީއިރުވެސް ވަކިނުކޮށް ބެހެއްޓުނީ ރާއީއާއި އެމްޑީޕީމެންބަރުންނާއި އިބޫ ދޯދިޔާވީމައޭ ނުބުނީ ކީއްވެގެން ހެއްޔެވެ. އަމިއްލައަށް އެއްޗެތިގޮވޭއިރު ނޭގޭބައެއް އެމްޑީޕީގައި މިތިބީ

    11
  3. ގުރާ

    ހެހެެހެ ރައީސްމީހާ މޮޅުވީމައެއްނޫން؟؟ ޔާމީނު ވެރިކަމުގައިހުރި އިރު ކަލޭމެން ބުނަނީ ރައީސްމީހާގެ ކަމެކޭ! އެހެންވީމާ ދެން ކަލޭމެން ތަބަކޭ ދޮލަނގޭ ކިޔަމުން ނުދުވާތި! އިންކޮމްޕިޓެންޓް ވެރިއެއް ގައުމުގަ ހުރީ! ދޮޅުރޯނާއެކޭ ބުނާކަށްނެތީމު، އިހުތިރާމު އަދާކުރުމުގެ ގޮތުން

  4. ހަސަންބެ

    ތިޔަ ސަރުކާރުގެ މީހުން ދޯދިޔާ ނޫނީ ފައިސާ ބަނޑު އެޅުމަށް. ލާދިނިއްޔަތު ފެތުރުމަށް. އެއްޖިންސުން ގުޅުން ހިންގުމަށް.