އައްޑޫސިޓީ މަރަދޫ–ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާތީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ 120،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޕްލޭނިން މިނިސްޓްރީން ވަނީ މަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް 2019 ވަނަ އަހަރުގ ސެޕްޓެމްބަރ މަހުގެ 10 ގައި ދޫކޮށްފައިވާ 'ތިމާވެށީގެ ގޮތުން ނިންމި ލިޔުމާއި" ޚިލާފަށް އެ އޭޖެންސީގެ ހުއްދަ ނެތި މަސައްކަތް ކޮށްފައި ކަމަށެވެ.

އެހެން ކަމުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ ދަށުން ކުށް ތަކުރާރުކުރި ތިންވަނަ ފަހަރަށް ކަނޑައެޅިފައިވާ 120،000 ރުފިޔާއިން ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

އީޕީއޭއިން ބުނީ، އެ ފައިސާ ދައްކަން ޖެހޭނީ މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ކަމަށާއި އަދި އެކަން ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ޖޫރިމަނާގެ އިތުރުން އެ އެޖެންސީގެ ހުއްދައަކާ ނުލައި ކުރެވިފައިވާ މަސައްކަތްތަކާއި، މިހާރު ރަށުގެ ތިމާވެށީގެ ޙާލަތު، އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 60 ދުވަހުގެ ތެރޭގައި އެންވަޔަރަމަންޓަލް އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ވެސް އީޕީއޭއިން ވަނީ ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީން މިހާރު ކުރެވިފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނިޓަރިން ޕްލޭންގައި ހިމަނާ، އަދި އެ މޮނިޓަރިން ޕްލޭން އިސްލާޙްކޮށް، އައު މޮނިޓަރިންގ ޕްލޭންއެއް ހުށަހަޅާނެ ކަމުގެ ލިޔުމެއް މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 7 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް އީޕީއޭއިން ވަނީ ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަހާން

    އަދި ހައުސިން މިނިސްޓްރީ ވެސް ޖެހޭ ޖޫރީމަނާ ކުރަން ދައުލަތުގެ ނިސާންޖެހި ފުލެޓް ލިބުނު ހައްގުވެރިންގެ އަތުން ލިއުންބާތިލް ކޮން ފުލެޓް ނުދީ އެތަނުގެ ކުލިވެސް ނުދައްކާ މިހުން އެތިބީ އެތަނުގަ ބާތިބާފަ

  2. އައްޑޫމީހާ

    އީ.ޕީ.އޭ ކަލޭމެންނަށް އެފްކޮން އަށް ކަމެއް ނުކުރެވުނު ކީއްކުރާ ބައެއްތީ؟ އެމީހުން އެކުރާ މަަތްކަތް ވެސް ހުއްޓުވައެއް ނުލެވުނު. ފެތެމުންދާ މަސްދޯންޏެއް ގޮސް ފަރަކަށް އަރުވާލީމާ އެދޯނި މި ޖޫރިނަމާ ކުރަނީ؟ އޭރު ދޯނޏެއް އަރައިގެން ހަލާކު މިވަނީ އެދޯނި ފަރަކަށް ކަމެއްނުވޭ ބަޔަކު އަޅެ ހޭބަލި ވެދާނެ އެންނު

  3. މުޙައްމަދު

    އީޕީއޭ އަށް ލިބޭ ފައިސާ ވަންނަނީ ކޮންތަނަކަށް. ފިނޭންސް އިން ނަގާފަ މީރާއަށް. ނިކަން އެފްކޮން އިން ނަގާފަ މީރާއަށް އަޅާބަލަ ކެރެންޏާ. މމި ސަރުކާރަށް އެނގެނީ ރައްޔިތުން ގުބޯ ހައްދަން.

  4. އަހަންމަދު

    ތިޔަފައިސާ އަސްލަމު ދައްކަންޖެހޭނެތަ؟ތިޔައީ އަޅެފަހެ ކޮންކަމެއް!ތިޔައީ އެކެއްގެ އެއްޖީބުން ނަގާ އަނެއްޖީބަށް ފައިސާލުން ކަހަލަކަމެއް!ހަމައެކަނި ވާކަމަކީ ރައްޔިތުންގެ/ފައިސާއިން ކުރެވޭ ޚަރަދު ބޮޑުވުމާއި މަސައްކަތް ލަސްވުން!ދެންއޮތީ އަނެއްފަރާތް!އެއީ ރުހޭބަޔަކަށް އީޕީއޭގެ ވަޒީފާދީގެން ބޮޑުމުސާރަ ހޯދައިދިނުން!