ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ޓުއާއެއް ބާއްވާފައިފި އެވެ.

އެޗްޑީސީން ބުނީ އެ ސްޓަޑީ ޓުއާއަކީ ހުޅުމާލެއަކީ ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެ ކޯޕަރޭޝަން ފެށިތާ އެއް އަހަރު ފާހަގަ ކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީތަކަށް އަމާޒުކޮށްގެން ބޭއްވޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއްކަންތައް ކަމަށެވެ.

ޖުމުލަ 20 ކުދިން ހިމެނޭހެން ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވާދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ޣާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުން މި ސްޓަޑީ ޓުއާގައި ބައިވެރިވި ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި، ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕޮރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި ކޮމްޕިއުޓާ ސައިންސް އަދި އިންފޯމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ އެ ޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިވި ދަރިވަރުންނަށް ޕްރެޒެންޓޭޝަންއެއް ދިނުމާއި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، ޓެލެކޮމް ޓަވަރުތައް ދައްކާލާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން، ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި އެ ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ދައްކާލުމާއި އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބާ ޓު ދަ ހޯމް، ނުވަތަ އެފް.ޓީ.ޓީ.އެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯ.އެން.ޓީ ގުޅާނެ ގޮތްފަދަ އަމަލީ ކަންކަން ކުދިންނަށް ދައްކާލި ކަމަށެވެ.

އެޗްޑީސީއިން ކުރިއަށް ގެންދާ އެހެނިހެން ކަންކަން ފަދައިން ސްމާޓް ސިޓީގެ މަސައްކަތް ތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ ކަންކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އަދި ތައުލީމީ ދާއިރާ އަކީވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާ އަކަށް ވާތީ އެފަދަ ހަރަކާތްތަކަކީ މުސްތަގްބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެއް ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުމާޓު ޗޯޓު

    ސުމާޓުކަމުން ދެފައި ކާރިނުވާ ރަށެއް ތިއައީ. ހޮންކޮންގެ ތޮއްޖެހިފައި އޮތް މޮޑެލައް ހަދާ އިޖުތިމާއީ މައްސަލަތަކުގެ ހާއްޔެއް. އެންމެ ކުޑަމިނުން ސެންޓުރަލް ކެމެރާސިސްޓަމު ގަނޑެއް އެޗުޑީސީއަށް ނުބެހެއްޓުނު. ލިބޭހާ ރުފިޔާ ދަނީ ކަނޑަށްކަމެއް ބަނޑަށްކަމެއް ވެރިންގެ ޖީބައް ކަމެއްނޭގެ. ނަން ވާނީ ޔާމީނު، ސޯލިހުވެސް ހާވަނީ އެއް ހަޑިއެއް ކަލޭނޭ!!!

  2. ދަންޑަހެލުުު

    ނަމުން ސްމާޓު ކަމުން ކުށުގެ ހާއްޔެއް. ނެތް މައްސަލައެއް ހުޅުމާލެއަކު ނެތް. ތިއަށް ވުރެ ފޭލިވެފައި ހުރި ތަނެއް މިރާއްޖެއަކު ނޯންނާނެ. ރިއަލް އެސްޓޭޓު ވިޔަފާރިވެރިންގެ ފައިދާއަށް ނޫނި ފިޔަވަޅެއްވެސް އަޅާ ބައެއް ނޫން ތިޔަކީ. ހުޅުމާލެ ރައްޔިތުންގެ މަސްލަހަތެއް ތިޔަ ތާކަށް މުހިންމެއް ނުވާނެ.

  3. ސްމާޓް ކުނި ސިޓީ

    ސްމާޓް ކަމުން ދެ ފްލެޓް ދެމެދުގައި ކުނިފުނިފުނި ޖެހިފައި މިހާރުވެސް ހުރީ. އެތަންތޯ ތިޔަ ދައްކަވައިލެއްވީ.