ޗާގޯސް އައިލެންޑްސްްއަކީ މޮރީޝަސްގެ ސިޔާދަތުގެ ބައެއް ކަމަށް ރާއްޖެއިން ތާއިދުކޮށް ނިންމި ނިންމުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުން އެކަން ކުށްވެރިކުރި ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވެސް އެކަން ކުށްވެރިކޮށްފި އެވެ.

އެމްއާރުއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެމްއާރުއެމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އެގޮތުން އެއިން އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެމް.އާރް.އެމް އިން ތާއީދު ނުކުރާނެ ކަމަށެެވެ.

އެމްއާރުއެމްއިން ބުނީ ރާއްޖެ އަކީ ގައުމުތައް އަޅުވެތި ކުރުމާއި (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ގައުމެއްކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެެ.

އެހެންނަމަވެސް، މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިގުތިސާދީ ސަރަޙައްދު ކުޑަވެ، އިގުތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދްރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީ ކަމަށެެވެ.

"އެގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާާނޫނުގައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގުތިސާދީ ސަރަޙައްދުގެ ގޮތުގައި ލިބިދީފައިވެއެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މިދެންނެވުނު ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައެއް ނުވާނެއެވެ. އެކަން އެހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން، އޭގެ އަޑީގައި ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށް އެމްއާާރުއެމް އިން ދެކެމެވެ." ބަޔާނުގައި ބުނެފައިި ވެއެވެ.

ހަމަ އެހެންމެ، ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއްކަމަށް އައިސީޖޭ އިން އ.ދ އަށް ލަފާ ދިނުމަށްފަހު، 2019 ގައި އ.ދ ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދީފައި، މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލުކުރަން ނިންމުމުގެ ކުރިން ކޯލިޝަން ގައި ހިމެނޭ ޕާޓީ އެއްގެ ހައިސިއްޔަތުން، އެމްއާރުއެމްއާ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާ ނުކުރާކަމަށް ވެސް ބުނެފައި ވެއެވެ.

"މި މައްސަލައަކީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށްވެފައި އިގުތިސާދީ ގޮތުން ދިވެހި އާއިލާ ތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުން ތަކެއް ލިބިދާނެ ކަމަށެވެ. އަދި މަސްވެރިންގެ މަސްލަހަތު ވެސް އިންތިހާއަށް އޮތް ކަމެކެވެ. އަދި އެ މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއްވެސް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމް.އާރް.އެމް އިން ނުހަނު ކަންބޮޑުވަމެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެެވެ.

އެހެންކަމުން، އެ ކަމުގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް މި ޕާޓީއިން ގޮވާލަމެވެ. އަދި، ރާއްޖޭގެ ސިޔާދަތީ ހައްގަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް ތާއިދު ނުކުރާނެ ކަމަށާއި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާނަމަ އެ ނިންމުން ބަދަލުކުރުމަށްވެސް އެމްއާރުއެމް އިން ގޮވާލި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފިނޮޅު

    ޗާގޮސް މައްސަލާގައި ޖީބްތައް ފުރާލަިގެން ނުވާނެ ޗާގޮސް އަކޯ ދިވެހިންގެ ތަނެއް

    35
    1
  2. ދިވެހި މުސްކުޅިން

    މިހާރުގެ ޖީލުތަކަށް ޗާގޯސް (ފޯޅަވަހި) އެ އަތޮޅުތަކާއި ރަށްތައް ގެއްލިދާ ދިއުމުގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރި ރައީސް މައުމޫނުގެ އިހުމާލު ވަރަށް ބޮޑެވެ. ވީމާ ޗާގޯސް އިނގިރޭސިންނާއި އަދި އެމެރިކާގެ އަތްދަށުން ހޯދައި ދީ ރާއްޖޭއިން ގެއްލުވާލި ބިންތަކާ ފަރުތަކާ ކަނޑުގެ ސަރަހައްދު ތައް ހޯދައި ހިމާޔަތް ރާއްޖޭގެ ފުރިހަމަ ސިޔާދަތު ޗާގޯސް އަށް ހިންގަންޖެހޭ . ހަސަން ރަސްގެފާނު ގެ ބާރުގެ ދަށުގައި ހުރިތަންތަން ހޯދަންޖެހޭ.

    14
    2
  3. ކާފަބޭ2020

    ދީނާޚިލާފުއެތައްކަމެއްކޮށް އެކަމަށްހިތްވަރުދީބަޔާންތައްނެރެ ހުރިހާކަމެއްކުރިއިރު އަސާގަނޑުވިއްދާކޮނޑުވިއްދައިގެން އަދިވެސްތިޔަހުރީ ލިބޭބައިވަރުގިނަވީމައެއްނޫންތޯ؟ މިހާރުއެބައިތަންކޮޅެއްމަދުވީތޯ،؟ ހުރިހާދިމާލަކުންޤައުމުއޮޔާދާއިރު ޤައުމުސަލާމަތްކުރަން ހަސަދަވެރިކަންދޫކޮށް ތިޔައަސާގަނޑުވިއްދަދޭކަށްނުވޭތޯ؟؟؟؟

    14
  4. ހުސޭނުބޭ

    ބުދަ ދުވަހު ކޭތައެއް ހިފިކަމަށްވަނީ. ކޭތަ ހިފީމާ މައުމޫނު ހޭލާނެ

    20
  5. ދިވެހި މުސްކުޅިން

    އައްޑޫ އަތޮޅުގައި އުޅޭ ދޮންދީނި ތަކުގެ ބަޔާންތައް ނެގީމާ ސާފުވަނެ ޗާގޯސް ފޯޅަވައްސަކީ ދިވެހި އައްޑޫ ދޮންދީނީގެ ރަށްތަކެއްކަން. ޗާގޯސް ގައިވެސް ދޮންދީނި އައްޑޫގައި ވެސް ދޮންދީ މިކަންކަމުން ވިސްނަން އެގޭވެރިޔަކީ ހަމައެކަނި ކިންގ ހަސަން.

    15
  6. ޝާފީ

    ހޭލީކީއެެއްނޫން.. ނޭނގޭކަމަށް ހެދިގެން ތިބެފަ ރައްޔިތުންގެ ނަފުރަތާއި ޝަކުވާއިން ރެކެން ވެގެން މިއުޅެނީ.

    18
  7. ދޮގުވެރިހާއިނުން.

    މޮރިސަސް މާބޮޑައް އަނގަފުޅާވެގެން އުޅެނީ އިންޑިޔާގެ ސަބަބުން އެމްޑީޕީ ގުއިރޯނުގަ މިޖެއްސީވެސް އިންޑިޔާއިން މިކަމުން ދިވެހިން ސަލާމަތްވާންވީ ދެންވެސް

    19
  8. Anonymous

    ޗާގޯސް އަކީ މާލޭ އިހުގެ މާލޭ ރަސްކަލުން ނަށް ނުބެލެހެއްޓިގެން ދުކޮށްލި ތަނެއް ދެން ކިހިނެއް އެތަން ލިބޭނީ! މާލޭ ރަސްކަލުންނަށް ކިރިޔާ އަސްލު ބެލެހެއްޓުނީ މާލެ އަތޮޅު އެކަނި، ދެން ކިހިނެއް ޗާގޯސް ކަހަލަ މާޑުރުގަ އޮތް ތަނެއް ބެލޭނީ! ހަގީގަތަކީ އަސްލު ޗާގޯސް އަކީ ރާއްޖޭއް ގެ ފަޅު ރަށްތަކެއް!