ދެކުނުގެ އަތޮޅުތަކަށް މިރޭ 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މެޓް އޮފީހުން ދެންމެ ރީނދޫ ސަމާލު ނެރެފައި ވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި އަދި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ އިތުރުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ މެންދަމު 02:00 އާއި ހަމައަށެވެ. ނަމަވެސް ސަމާލުގެ ވަގުތު އިތުރުކުރުން އެކަށީގެންވެއެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.

ކަނޑު ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.