ދީނީ ފަތުވާ ދެއްވުމަށް ރާއްޖެ ވަޑައިގެން ހުންނެވި މުފްތީ މެންކުގެ ދަރުސް މިރޭ އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ މެންކް އެ ސިޓީގައި ދޭ ހާއްސަ ދަރުސް އޮންނާނީ މިރޭ 8:45 ގައި އައްޑޫ ހައި ސްކޫލްގައެވެ. އެ ދަރުސްގެ މައުލޫއަކީ "ބިނާކުރުވަނިވި މުސްލިމުން" އެވެ.

އެއަށް ފަހު، މާދަމާ ރޭ ހުޅުމާލޭގައި ދަރުސް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއީ މުފްތީ މެންކްގެ މި ދަތުރުގައި ދޭނެ ފަހު ދަރުސް އެވެ.

މީގެ ކުރިންވެސް މުފްތީ މެންކު ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން މާލެ އާއި އަދި އެހެން ބައެއް ރަށްތަކުގައި ދަރުސްތައް ދެއްވާފައި ވެއެވެ.

ޒިމްބާބްވޭގެ ހަރާރޭއަށް އުފަންވެ ވަޑައިގެންނެވި މުފްތީ މެންކް އަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މުފްތީ މެންކް ފާހަގަ ކުރެވެނީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ވަރަށް ބޮޑަށް ތަގުރީރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ އިތުރުން ކްރިސްޓިއަން ދީނާއި އަދި އެހެން ދީންތަކުގެ މީހުންނާއި ދެކޮޅަށް ވެސް ހަމަނުޖެހުން ނުހިންގާ ސުލްހަވެރިކަން އިސްކުރަން އޭނާ ވަރަށް ގިނަ ދަރުސްތަކުގައި ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.