ށ. ފުނަދޫ ބަނދަރުގައި އަޅާފައި އޮތް މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުނަދޫ ކައުންސިލްގެ މެމްބަރަކު "ވަގުތު" އަށް ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އެރަށު ވަރަށް ގިނައިން މަހަށް ގޮސް އުޅޭ ފައިބަރު ދޯންޏެއްގައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ސީދާ ކިހާ އިރަކު ކަމެއް އަދި ކިހިނެއްކަން ބުނެދޭން ނޭނގުނު ނަމަވެސް މިއަދު މެންދުރު 11 ޖަހާކަންހާއިރު، އަލިފާން ރޯވެގެން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު މައްޗަށް އެއްވެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެތާ ކައިރީ ތިބި އެހެން ރަށްރަށު ދޯނިތައް ވެސް އެވަގުތު. އެމީހުންނާއި ރަށު ރައްޔިތުންނާއި ފުލުހުން ވެގެން އަލިފާންގަނޑު މިހާރު ވަނީ ނިވާލެވިފައި" އޭނާ ބުންޏެވެ.

އޭނާ ބުނީ އަލިފާން ރޯވެފައިވަނީ ފައިބަރު ދޯންޏެއް ކަމުން ރޯވި އަލިފާންގަނޑު ނިވާލަން ވަގުތު ކޮޅެއް ނެގި ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނުއިރު، ދޯނި ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.