ށ. ފުނަދޫ އާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު ދެ ބޭފުޅަކު ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ.

އެއީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް މ. ވޭވަށް، ކޯނަރ، ޔާސިރް މުހައްމަދާއި ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ރ. މަޑުއްވަރީ ރުވާގެ، އިބްރާހިމް ނައީމެވެ.

ޔާސިރު މުހައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ. އަދި ތިން އަހަރު ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތްކޮށްދެއްވާ، ފެބްރުއަރީ 11، 2019 އިން ފެށިގެން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމް އަދާކުރައްވާފައިވެއެވެ.

އިބްރާހިމް ނައީމް ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލްކުރައްވާ، ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ. އަދި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުއީ ދާއިރާއަށް ހިދުމަތްކޮށްދެއްވާ 2021 އޮގަސްޓް އިން ފެށިގެން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް ވަނީ އަދާކުރައްވާފައެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މެޖިސްޓްރޭޓުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު ހަތަރެއްގައެވެ.