އަންނަ އަހަރުން ފެށިގެން ވެހިކަލްތަކުގެ އަހަރީ ފީ ބަލައިގަންނާނީ ކައުންސިލް ތަކުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓަރ އަބްދުﷲ އަމީރު ސޮއި ކުރައްވާ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ، މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން މީރާ އިން ވެހިކަލްތަކުގެ ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.

އަދި އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑު އުޅަދުފަހަރުތަކުގެ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް، އެ ފީ ނިސްބަތްވާ ކައުންސިލަކަށް ކަމަށް އެ ސާކިއުލާގައި ވެއެވެ.

ނަމަވެސް އެ ސިސްޓަމް މެދުވެރިކޮށް ވެހިކަލް ފީ ނިސްބަތްވާ ކައުންސިލްގެ އެކައުންޓަށް ޖަމާ ކުރެވޭނީ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަނޑޭރިޕޭއާ އިންޓަގްރޭޓްކޮށްގެން ކަމަށް އެ ސާކިއުލާގައި ވެއެވެ.