ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ, އަބޫބަކުރު ފައިސަލް (32އ) އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

ފައިސަލް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާ ހައްޔަރު ކޮށްފައި ހުރި ގޮޅީގެ ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނިގެންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު އިއްޔެ ވިދާޅުވީ ފައިސަލް ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ. އޭނާ އޮތީ އައިސީޔޫގައި ކަމަށާއި ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފައިސަލްގެ ހާލާއި ގުޅިގެން މިއަދު ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ ފައިސަލް ހާލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފައިސަލް ހުރީ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ ދަން ޖެހުނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ހުއްޓާ ކަމަށް ބުނުން ފިޔަވައި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން މި މަހުގެ 12 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ދަން ޖެހުނު ފައިސަލް އޮތީ ވެންޓިލޭޓަރުގައި

ނިޝާމާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ފައިސަލް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޓީމެއް ވެސް ނޮޅިވަރަމްގައި ހަރަކާތްތެރިވެއެވެ.

އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި ނިޝާމާ މަރާލީ ފައިސަލްއެވެ.

އާއިލާ އިން ބުނި ގޮތުގައި ދެ މީހުންގެ ދެމެދު ޒުވާބު ކުރުމާއި މާރާމާރީ ހިންގުން ފަދަ ކަންކަން ހިނގައެވެ. އަދި ނިޝާމާގެ އެންމެ ފަހު ވަގުތުކޮޅު، އޭނާއާ އެންމެ ކައިރީގައި ހުރީ ފައިސަލް ކަމަށް ބުނެފައިވެއެވެ. އެ ކަން ހިނގުމާއެކު، ފިރިމީހާ ރަށުން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދިއުމަކީ ވެސް އާއިލާ އިން ފައިސަލް އާ މެދުގައި ކުރާ ޝައްކުތައް އިތުރަށް ބޮޑުވި ކަމެކެވެ.

ނިޝާމާގެ އާއިލާގެ މީހުންނާއި ރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ފައިސަލްއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަ މީހެކެވެ. އެކަމަކު، އޭނާއާ މެދުގައި އެއްވެސް ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާ ކަމަށްވެއެވެ.

ފައިސަލްއަކީ އދ. ފެންފުށީ ރައްޔިތެކެވެ. އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބްރާހީމް

    ކުޅުދުއްފުށި ޕޮލިސްގެ އިޙްމާލް އެބައޮތް މިކަމުގަ. ފިޔަވަޅު އަޅާ…

    9
    4
  2. ހުވަދޫ އަލިބެއްޔާ

    ތުޙުމަތަށް ހައްޔަރު ކުރެވި ބަންދު ކުރެވޭ މީހާއަށް ސަލާމަތާއި ރައްކާތެރިކަން ލިބެންޖެހޭ.. ފައިސަލް ދަންޖެހުނީ ކަމަށް ފުލުހުން ބުނުން ފިޔަވާ އިތުރު އެއްވެސް ހެއްކެއް އެބަހުރިތޯ؟؟؟ ފައިސަލް މަރުވެއްޖެ ނަމަ ދަންޖެހުނު ކަމުގެ ހެއްކެއް ނެތަސް ނިންމާނީ ދަންޖެހުނީ ކަމަށްތޯ؟؟؟ މި އެއްވެސް ޙާލެއްގަ އޭނާ އަށް ތުހުމަތު ކުރެވޭ ކުށުން ބަރީއަ ކުރުމަށް ދައްކާ ވާހަކައެއްނޫން..

    9
    4
  3. ތަޙުޤީޤު

    ހަނދާނަށް އަންނަނީ އދ.ދަނގެތީގައި މަރާލި މަޙުމޫދުބެ މަތިން.. އެކަމާ މަތިކޮށް އެރަށުގަ އުޅުނު ދެ ޒުވާނަކަށް އެކިވަރުގެ އަނިޔާކޮށް ނުވިތާކަށް ސައިކަލުވެސް ރޯކޮށްލި.. މާފަހުން އެނގުނީ މަޙުމޫދުބެ މަރާލީ ބިދޭސީއެއްކަން.. މީގަ އެންމެ އަޖައިބު ވަނީ ބިދޭސީ މީހާ އަމިއްލަ އިޢުތިރާފް ވީމާވެސް ދަނގެތީ މީހުނަށް ޤަބޫލެއް ނުވޭ މަޙުމޫދުބެ މަރާލީ ބިދޭސީ މީހާކަން..

    8
    1
  4. ށާޅިހު

    މަރައްމަރު