އެމްޕީއެލް ސަރަހައްދާއި، ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ބަންދުކޮށްގެން އެމްޕީއެލް އިން މާދަމާ ފަޔާ އެންޑް ރެސްކިއު ޑްރިލްއެއް ބާއްވަން ނިންމައިފިއެވެ.

އެމްޕީއެލް އިން ބުނީ ޑްރިލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 އިން 17:00 އަށް ކަމަށެވެ. ކުރިއަށް ގެންދަނީ ފަޔާ އެންޑް ރެސްކިއު ޑްރިލްއެއް ކަމަށް ވާތީ އެސަރަހައްދުގެ ބައެއް ގެތަކަށް ދުމުގެ އަސަރު ކޮށްފާނެ ކަމަށާއި އެހެންކަމުން ދޮރުތައް ލެއްޕުން އެދޭކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ މި ޑްރިލް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީންތައް ހަދައި، އެފަދަ ހާލަތަކަށް ކުންފުނި ތައްޔާރުވެފައި އޮތް މިންވަރު ދެނެގަތުން ކަމަށެވެ.

ޑްރިލްގެ ސަބަބުން އާއްމުންނަށް ކުރިމަތިވެދާނެ ދަތިތަކަށް އެމްޕީއެލް އިން ވަނީ މާފަށް އެދިފައެވެ.

އެމްޕީއެލް އިން ޕޯޓް ސޭފްޓީ ވީކެއް މިހާރު ކުރިއަށް އެބަގެންދެއެވެ. ބުދަ ދުވަހު ވަނީ "ޕޯޓް ސޭފްޓީ ފޯރަމް" ނަމުގައި ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ފޯރަމްގެ މައިގަނޑު ބޭނުމަކީ އެމްޕީއެލްގެ "ހެލްތް އެންޑް ސޭފްޓީ"ގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާއި ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށް، މިހާރު ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ހިޔާލު ބަދަލުކުރުން ކަމަށް އެމްޕީއެލްެއިން ބުނެފައި ވެއެވެ.