މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގައި ބާއްވާ ސޭފްޓީ ވީކް ފާހަގަކުރުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަށް ޚާއްސަ ސެކިއުރިޓީ އެންޑް ސޭފްޓީ ޑްރިލްއެއް ބާއްވާފިއެވެ. މިއީ މިހާތަނަށް އެކުންފުނިން ހިންގާފައިނުވާފަދަ ފުލް ސްކޭލް ޑްރިލްއެކެވެ.

އެމްޕީއެލް ސަރަހައްދުގައި ބޭއްވި މިޑްރިލްގައި އެކިއެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެމްއެންޑީއެފްގެ ކޯސްޓް ގާރޑް އަދި ފަޔަރ އެންޑް ސޭފްޓީ ޔުނިޓް، ސިއްޙީ ދާއިރާގެ ބައެއް މަސައްކަތްތެރިން، އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުން، މޯލްޑިވްސް ރެޑް ކްރެސެންޓް ހިމެނެއެވެ.

މިއަދުގެ ޑްރިލްގައި ދައްކާލެވުނީ ބޯޓެއްގައި ރޯވީމަ އަޅަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ. އެކަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ ޙާލަތުގައި އަމަލުކުރަންވީ ގޮތްތަކާއި، ބޯޓު ތެރޭގައި ތިބި ފަރާތްތައް ސަލާމަތް ކޮށް ރައްކާތެރި ތަނަކަށް ގެންދިއުމާއި، އަވަސް ފަރުވާއާއި އިތުރު އެހީ ބޭނުންވާ ފަރާތްތައް ހޮސްޕިޓަލަށް ގެންދިއުން ފަދަ ކަންތައްތައް ވެސް މި ޑްރިލްގައި ދައްކާލާފައިވެއެވެ. މީގެ އިތުރުން ފަޔަރ ސްކޮޑް ރަންއިން ކިހާ އަވަހަކަށް މިހާދިސާތަކަށް ރެސްޕޮންޑް ކުރެވޭތޯ ވެސް ބަލާލާފައިވެއެވެ.

"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން މި ހަރަކާތްތައް ކުރިއަށް މިގެންދަނީ ހެލްތް އެންޑް ސޭފްޓީ ސްޓޭންޑަރޑް ޤާއިމްކޮށް، އެމަޖެންސީ ރެސްޕޮންސް ވެސް އެއާއި އެއް ސްޓޭންޑާޑަކަށް ރަނގަޅުކުރުމަށްޓަކައިއެވެ." އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ.

އެމްޕީއެލްއަކީ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުޞަތު ބޮޑު ތަނަކަށް ވީތީ އެކުންފުނީގެ ހުރިހާ މުވައްޒަފުން ހޭލުންތެރިކޮށް، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެމްޕީއެލްއިން އަބަދުވެސް މަސައްކަތްކުރެއެވެ. އެހެންކަމުން، ސޭފްޓީ ވީކްއާއި ގުޅިގެން ތަފާތު ޓްރެއިނިންގތައް ރާވާފައިވާކަމަށް އެކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން ޤަބޫލުކުރާގޮތުގައި ސޭފްޓީ ވީކްގެ ހަރަކާތްތައް ކުރިއަށް ގެންދެވުނު ހިސާބުން ފެށިގެން އެކުންފުނީގެ މަސައްކަތުގެ މާހައުލުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވެއެވެ. އަދި މިއަދުގެ ހަރަކާތުން ވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދަސްވީ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.