ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމަށް މިއަދު ތާވަލު ކޮށްފައިވާ ޝަރީއަތް ނުފެށި ލަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުުގައި ކުރިއަށްދާ ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް މިއަދު އިއްވުމަށް އެ ކޯޓުގައި ޝެޑިއުލް ކުރީ ނުވައެއް ޖަހާއިރަށެވެ. އެކަމަކު، އޭގެ ފަހުން ދެ ގަޑިއިރާއި 30 މިނެޓު ހިނގި އިރު ވެސް ޝަރީއަތް ފެށިފައެއް ނުވެއެވެ.

އެހެންވެ، އިދިކޮޅު ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. އިދިކޮޅު ލީޑަޝިޕްގެ ގިނަ ބޭފުޅުން މިވަގުތު ތިއްބެވީ ކްރިމިނަލް ކޯޓު ކައިރީގައި ކުރިއަށްދާ މުޒާހަރާގައެވެ. އެ މުޒާހަރާގައި އިދިކޮޅުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި އެހެން ބައެއް މެމްބަރުން ވެސް ތިއްބެވީ ކްރިމިނަލް ކޯޓުގައި ކައިރީގައެވެ.

ކްރިމިނަލް ކޯޓުގައި ހުކުމް އިއްވަން ބާއްވާ ޝަރީއަތް ލަސްވާ ސަބަބެއް ސާފެއް ނޫނެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ވެސް ވަކި އެއްޗެއް ނުބުނެއެވެ.

ކޯޓު ކައިރީގައި ތިއްބެވި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ޝަރީއަތް ނުފެށި ލަސްވަނީ ސަރުކާރުން މައްސަލަ ބައްލަވާ ފަނޑިޔާރު އަހުމަދު ޝަކީލް އަށް ނުފޫޒު ފޯރުވާތީއެވެ.

އެ ސަރަހައްދުގައި ހުންނަވައި އަބްދުއްރަހީމް ވިދާޅުވީ ހުކުމް ނީއްވައި ލަސް ކުރަނީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ނުލިއެވުނީމަ ކަމަށެވެ. އަދި ޔާމީނަށް ހުކުމް ކުރަނީ ނާއިންސާފުން ކަމަށާއި އެމަނިކުފާނަކީ ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަރުކާރުން ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޮރުވައި ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ލިޔުއްވަން އަންގަމުންދާ ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ފަނޑިޔާރުންނަށް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ޝަރީއަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ކޯޓުތަކަށް އަތް ބޭނުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ވާހަކަދައްކާއިރު ފަނޑިޔާރު އެއިނީ ރަހީނުކޮށްފައި. ސަރުކާރަށް ނޭނގެނީ ފަނޑިޔާރު ޖަހާނެ ހުކުމެއް. ފަނޑިޔާރު ޖަހާނެ ހުކުމެއް ނޭނގޭތީ އޭނާ ހައްޔަރުކޮށްފައި ހުރީ،" ޝިޔާމް ވިދާޅުވިއެވެ.

ވ.އާރަށުގެ މައްސަލައިގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.

ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި މަނީލޯންޑާ ކުރައްވާފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެއެވެ.

ނަމަވެސް ދައުވާގައި ހިމެނޭ ދެ ބޭފުޅުން ވެސް ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެފަރާތުން ބުނަމުންދަނީ ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށާއި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން އަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެގޮތުން ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑްރައިންގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑުވަގު

    25 އަހަރު ޖަހާލާ، ތީބޮޑުވަގެއް.

    4
    21
  2. ނިއުހޯޕް

    ގައްސާނު ފޯ 23. ގޯ ގައްސާނު.

    4
    3
  3. ޙައްގުބަސް

    ރައްިތުންނޭ މާލެއަރާ!! ރަށްރަށުގައި ނުތިއްބަވާ!! މިކަން ހަމަމަގަށް އަޅުވަން ރައްޔިތުންނަށް ގާނޫނުއަސާސީން ދީފައިވާ ބާރުގަ ބޭނުންކުރައްވާ!!

    10
    7
  4. ސުބު

    ރައީސްމައުމޫން ކޯޓްގައި ބޭންދި ނުވަގަޑިއިރު އަދި އެއީ ރަމްލޯންމަހެއްގެ ހަތާވީސް ވިލޭރޭ. ކޮބާ އަނިޔާއަކީ.