ރާއްޖޭގެ ހަތަރު ރަށެއްގައި "ވަގުތު-26" ޓީމުން ކުރިއަށް ގެންދިޔަ ތަހުގީގު ރިޕޯޓާއި ވީޑިއޯ މިރޭ އާންމު ކުރުމަށް ނިންމައިފިއެވެ.

މި ވީޑިއޯ ރިޕޯޓުގެ ޓްރެއިލާއެއް "ވަގުތު" ފޭސްބުކް ޕޭޖްގައި މިއަދު ވަނީ އާންމުކޮށްފައެވެ. މި ވީޑިއޯ އާންމު ކުރިތާ ހަތަރު ގަޑިއިރުވީ އިރު، ގިނަ ބައެއްގެ ތަރުހީބު ޓްރެއިލާއަށް ވަނީ ލިބިފައެވެ.

ސަށްބީސް ސިކުންތުގެ ވީޑިއޯގައި ފެށޭ ތަނުން ފެންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައި އިން އުމުރުން ދުވަސްވީ މީހެކެވެ. އޭނާގެ މޫނު ވަނީ ކާކު ކަން ނޭނގޭ ގޮތަށް ވަރަށް ބޮޑަށް ފުސްކޮށްލައިފައެވެ.

އޭގެ ފަހުން ފެންނަނީ މަގުމަތިން ހިނގާފައިދާ އުމުރުން ދުވަސްވީ އަންހެނެކެވެ. ބެލެވޭ ގޮތުގައި އެމީހާއަކީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުން އަންނަ ނިކަމެތި އަންހެނެކެވެ. އުމުރުން ދުވަސްވީ އެ އަންހެން މީހާގެ ވީޑިއޯކޮޅަށް ފަހު، އިތުރު އަންހެނަކު ރޯ މަންޒަރު ވީޑިއޯކޮޅުން ފެނެއެވެ.

ވީޑިއޯ ނިމޭ ތަނުން ފެންނަނީ އެއްކަލަ އުމުރުން ދުވަސްވީ މީހާ ކާން އިން ތަނެވެ.

މިއަދު އާންމު ކުރި ވީޑިއޯގެ އިތުރުން މި ވީޑިއޯ ރިޕޯޓާ ގުޅޭ އިތުރު ދެ ޓްރެއިލާއެއް މީގެ ދުވަސްކޮޅެއް ކުރިން އާންމުކޮށްފައިވެއެވެ. އެ ޓްރެއިލާގައި ބުނެފައި ވަނީ ކުރެވުނު އެންމެ ކުށަކުން އުމުރު ދުވަހު ވޭނުގައި އުޅެން ޖެހުނު ވާހަކައެވެ. އަދި ސިހުރު ހަދާ މުޅި ދުނިޔެ އިން މޮޔަކޮށްލި ކަމަށް ބުނެފައިވެއެވެ. އެ ޓްރެއިލާކޮޅު ނިމެނީ "ދެން ވީ ކިހިނެއް؟"ތޯ ސުވާލު އުފައްދަމުންނެވެ.

އޭގެ ފަހުން އާންމު ކުރި އެހެން ޓްރެއިލާއެއްގައި އަންހެނަކު އުނދޯއްޔެއްގައި އިށީނދެގެން އިންނަ މަންޒަރާއި މޫދު ކައިރިން ހިނގާފައިދާ ތަނާއި ގަސްބޯ ސަރަހައްދަކުން ހިނގާފައިދާ މަންޒަރު ފެނެއެވެ. ސާޅީސް ހަ ސިކުންތުގެ އެ ޓްރެއިލާކޮޅުގައި ވެސް އުފައްދާފައި ވަނީ ސުވާލެކެވެ.

މި ރިޕޯޓާއި ވީޑިއޯ އާންމު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 23:45 ގައެވެ.

"ވަގުތު-26" ޓީމުގެ ވީޑިއޯ ރިޕޯޓު އާންމު ކުރާ އިރު، ރާއްޖޭގެ ރަށެއްގައި މީހަކު ރޭޕް ކުރިއިރު ވެސް ކަމާބެހޭ މުއައްސަސާތަކުން އަޅާ ނުލާ ތިބި ކަން، މުޅިން އެހެން ކަމެއްގައި ކުރި ތަހުގީގު ތެރެއިން ވަނީ އެނގިފައެވެ.

ވަގުތު-26 ތަހުގީގު: މުސްކުޅިއަކު ރޭޕް ކުރިއިރު މުއައްސަސާތައް އަޅައެއް ނުލި!

މި މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި އުމުރުން ދުވަސްވީ މީހާ އަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަން ފުލުހުންނަށާއި، އެޗްއާރުސީއެމްއަށް، އަދި ޖެންޑާ މިނިސްޓްރީ އަށްވެސް އެނގި ތިބެ، އެކަށީގެންވާ ފިޔަވަޅު ނާޅާ ވަނީ ދޫކޮށްލައިފައެވެ.

ވަގުތު-26 ތަހުގީގު: ގުރައިދޫ މަރުކަޒުން ހިތްފަޅައިގެންދާ ފަދަ މަންޒަރުތަކެއް!

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި "ހިތްފަޅައިގެންދާ" ވަރުގެ ކަންކަން ހިނގަމުން އަންނަކަން ވަނީ ތަހުގީގަށް ހާމަވެފައެވެ. "ވަގުތު-26" ޓީމުން ބެލި ބެލުމުން ތަނުގެ ޖާގައަށް ވުރެ %26 މީހުން އިތުރަށް އެބަތިބިއެވެ. ބައެއް މީހުން އެ ތަނުގައި ބައިތިއްބާފައި ތިބީ އެނދެއް ނެތިއެވެ. ވޯޑްތައް ފުލްވެ، އެތައް ބަޔަކު ސިޓިން ރޫމްގައި ބައިތިއްބާފައި ތިބި ކަންވެސް ވަނީ އެނގިފައެވެ.

ހުރިހާ ދިވެހިން މިރޭގެ ރިޕޯޓަށް އިންތިޒާރުކޮށްލާށެވެ!

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅޮސްއުދޯލި

    ވަގުތު ނޫހުން ތިޔަފޯރުކޮށްދޭ އަނދިރިފަރާތް ސަރުކާރުންޒިންމާ ނުނަގާކަންތަށްތަށް ގެނެސްދޭތީ އުފާކުރަމެވެ ވަގުތުނޫހަކީ މިއަދު ރަށްޔަތުންގެ ބެލެނިވެރިއެކެވެ އަޅުގަނޑުމެންގެ ރަށްޔަތުންނަށް ޖަށްސާ ވޭން ތަހަށްމަލު ކުރަމުންދާ އެކަނިވެރި މައިންނާއި ބަފައިންނާއި އަޅާލާނެފަރާތެއްނެތް ކުދިންނާއި ދޮށީއުމުރުގެ ރަށްޔަތުންނަށް މިކަމުގެ ސަބަބުން މުސްތަގުބަލް އުޖާލާވާނެކަމަށް އުއްމީދުކޮށް އަނދިރިފަރާތުގެ ވީޑިއޯ އަވަހަށް އާންމުކުރުމަށް އެދެމެވެ ވަގުތުނޫހުން ތިކުރާ މާތް މުގައްދަސް މަސައްކުގައި ﷲ ތައާލާގެ ބަރަކާތް ލަށްވާށިއެވެ އާމީން.

    12
    2
  2. 2023

    ގުރާއިދު މަރުކަޒު ފުރިހަ، ސޯލިހު ސަރުކާރުން ރައްޔިތުން އަތުންނަގާ ޓެކުސުން އިތުރު އޭގެ މަރުކަޒެއް ނާޅާ އެކަލޭގެ ދުނިޔެ ވަށާ އަބިގޮއްޔަ ގޮވާން ބުރުތަޅަނީ ރައްޔިތުންގެ ޓެކުސްފައިސާގައި. ކޮބާތޭ ލަދުހަޔާތް؟؟؟؟

    18
    1
  3. ޖުމުހޫރީ މައިދާނުން

    ސާބަހޭ، ވަގުތު ނޫސް

    17
    1
  4. ޑެނީ

    ޒިންމާދާރު ކުރުމަށް ވަގުތު ޓީމުން ތި ކުރާ މަސައްކަތަށް ސާބަހާާ އައްސަރިބަސް ތާލިޔާ 👏👏💯

    19
    1
  5. ބުރާންތި އާދަނު

    ފުލުހުން އުވާލާފައި ކަލޭމެން ހަވާލު ވާންވީނު.