އިލްމާއި އަހުލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ގުރުއާނުގެ މަންހަޖަށް ރުޖޫއަވެގެން ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އިސްލާމް ދީނަކީ އިލްމީ ގާބިލުކަމެއް ނެތް ބޯދާ ދީނެއް ކަމަށް ކުރެވޭ ހީއަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެެވެ. އިލްމާއި ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި ހުޅަނގުގެ ގައުމުތަަކަށް ލިބުނު ހުރިހާ މޮޅަކާއި ޝަރަފެއް ރައްދުވާ ބަޔަކީ މުސްލިމު އިލްމުވެރިން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

އަދި އިސްލާމް ދީން ދުނިޔޭގެ އަލިކަން ދުށްތާ މާގިނަ ދުވަސްތަކެއް ނުވެ އެ އުއްމަތުގެ އަފުރާދުންގެ ތެރޭގައި ދުނިޔެ ސިއްސުވާލާ ފަދަ ހަރުދަނާ ލީޑަރުންނާއި ގަދަފަދަ ކޮމާންޑަރުންނާއި ބޮޑެތި އިލްމުވެރިން އުފެދިގެން ދިޔަކަން ހުތުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

އަދި ގުރުއާނާއި ސުންނަތުގެ އަލީގައި އޭރުގެ މުސްލިމު ވެރިން ދީނީ ތައުލީމުގެ އިތުުރުން އެތައް އިލްމަކުން ތަޖުރިބާކޮށް ކުރި ހޯދިކަން ބަޔާން ކުރިއެވެ. "މި ދެންނެވި ޒަމާނުގައި ޔޫރަޕްގެ ދައުލަތްތަކަށް ފައިސާ ޖަހައިދިނީ މުސްލިމުން ނެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އޭރު މުސްލިމުންނަށް ކުރިއެރުން ލިބުނީ ހަރުދަނާ އަގީދާއަކާއި ވަރުގަދަ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތައް ތަރުބިއްޔަތު ކުރެވެމުން ކަމަށެވެ.

"އިލްމާއި އަހުލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ގުރުއާނުގެ މަންހަޖަށް ރުޖޫއަވެގެން ނެވެ. އެ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖެވެ. ކީރިތި ގުުރުއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ ﷲ ތައާލާ މައުރިފާކޮށް ދެނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ ވިސްނައި ފިކުރު ކުރުމުގެ މަންހަޖެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އިންސާނާއަށް ﷲ ދެއްވި އިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައިގެން ލިބުނު ކުރިއެރުމާއި ތަރައްގީގެ ސަބަބުން އޭނާގެ ނަފްސު ހަނދާން ނައްތާލައިފައިވާ ކަމަށެވެ. އަދި އެވެރުން ނުވެގެން ހެއްދެވި ފަރާތް ވެސް ހަނދާން ނައްތާލައިފައިވާ ކަމަށާއި އޭނާއަށް ލިބުނު ކުރިއެރުމުގެ ސަބަބުން އޭނާއަށް ހީވެފައި ވަނީ މުޅި ކާއިނާތު އޭނާގެ މުށުތެރެއަށް ލެވިއްޖެހެން ކަމަށެެވެ.

"އެހެނެއް ކަމަކު އަރަހުށި ހުސްތާހިރުވަންތަ ﷲ ތައާލާގެ ބަސްފުޅުަށް އެ އިންސާނާ ކަނުލައި އަޑު އެހި ނަމަ، އޭނާގެ ނިކަމެތިކަން އޭނާއަށް ވިސްނުނީހެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އިލްމާއި އަހުލާގުގެ މަތީގައި އާ ޖީލެއް ބިނާ ކުރަން ބޭނުންނަމަ އަހަރުމެންވެސް ކުރަންވީ ކަމަކީ ކީރިތި ގުރުއާނުގައިވާ މަތިވެރި އަގީދާއާއި އެ ގުރުއާނުގައިވާ މަތިވެރި އިލްމު އަހަރުމެންގެ ޅަދަރިންގެ ހިތްތަކުގައި ބިންވަޅު ނެގުން ކަމަށެވެ.