މާލެ އަތޮޅުގައި އޮންނަ ރަސްފަރި ފަރަށް އާގު ބޯޓެއް އުރި ލިބުނު ގެއްލުންތައް އިޔާދަކޮށް، ކުރިން އެފަރު އޮތްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުޅުވާލައިފިއެވެ.

ޕެނަމާގެ "އެމް.ވީނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ބޯޓެއް ރަސްފަރި ފަރަށް އުރިފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އެބޯޓު ފަރަށް އުރިފައިވަނީ އިންޖީނު ހޫނުވެގެން ނިއްވާލާފައި އޮއްވާ އޮޔާ ގޮސްގެންނެވެ.

އެބޯޓު ފަރަށް އަރައި، ފަރުގެ 8.86 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހަލާކުވެފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން 10 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމުން ބޯޓުން ވަނީ އެ ޖޫރިމަނާ ދައްކައިފައެވެ.

ބޯޓުން ޖޫރިމަނާ ދެއްކި ނަމަވެސް ފަރު އަލުން އިއާދާ ނުކުރެވޭނެތީ އީޕީއޭ އިން ވަނީ ފަރަށް ލިބުނު ގެއްލުން އިޔާދަކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ކުރިން އޮތް ގޮތަށް ފަރު ބަދަލު ކުރުމަށް ކުރަން ޖެހޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި ހަލާކުވެފައިވާ މުރަކަތައް ދެނެގަތުމާއި ނާސަރީ ހެދުން، ނާސަރީތައް ބަލަހައްޓާ އެތަން ތަން މޮނީޓަރކުރުން، ނާސަރީގައި އާލާކުރާ މުރަކަތައް ރަސްފަރި ފަރުގައި އިންދުން، އިންދާ މުރަކަތައް އަލާވާގޮތް ދުވަހުން ދުވަހަށް ބެލުން، ދަތުރުފަތުރާ ލޮޖިސްޓިކް ކަންކަން ބެލެހެއްޓުން އަދި މި މަސައްކަތައް މެނޭޖްކޫރުމާއި ޕްރޮފެޝަނަލް އެހީތެރިކަން ދިނުން ހިމެނެއެވެ.

އީޕީއޭއިން ބުނީ، މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާލު ކުރެވޭނެ ކަމަށާއި މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޯޓުގެ ޖޫރިމަނާ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން ބޯޓުގެ ވެރިފަރާތަށް އެންގި ނަމަވެސް ފަހުން ވަނީ އެ އަދަދު ކުޑަކޮށްދީފައެވެ. ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުން ވަނީ އީޕީއޭއަށް ދައްކައިފައެވެ.