މި އަހަރުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ޒަމާނީ އިންފްރާސްޓްރަކްޗަރ ފެންވަރަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަސް ސަރަހައްދެއްގައި ފަށާނެ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ އިމާދު ސޯލިޙު ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ހިދުމަތް ފެށޭނެ ކަމަށެވެ.

ކޮމިއުނިޓީ ބޭސްޑް ފަރުވާގެ ނިޒާމަކީ މިހާރު އެންޑީއޭ އަތޮޅު ތެރޭގައި ސިއްޙީ ދާއިރާއާ ގުޅިގެން، ސިއްޙީ މަރުކަޒު ތަކާއި، ހޮސްޕިޓަލްތަކާއި ގުޅިގެން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮގްރާމެެކެވެ.

"މިއަހަރު ތެރޭގައި ޚާއްސަ ފަސް ސަރަހައްދެއްގައި މި ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދާނެ. އޭގެ ފުރަތަމަ ޕްރޮގްރާމް މި މަހުގެ 26 ވަނަ ދުވަހު ފެށުމަށްޓަކައި ހދ. ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސިޓީ ކައުންސިލާއި އެންޑީއޭ އާ ގުޅިގެން އެ މަސައްކަތް އެބަ ކުރިއަށް ގެންދޭ".

އައްޑޫ ސިޓީ ހުޅުމީދޫގައި މި ސަރުކާރުން ޤާއިމުކުރި ސެންޓަރަކީ ޒަމާނީ ވިސްނުމަކާއެކު ބިނާކުރެވުނު ސެންޓަރެއްކަން ފާހަގަ ކުރައްވަމުން އިމާދު ވިދާޅުވީ، އެ ސެންޓަރުގައި އަލަށް ތައާރަފު ކުރަން ޖެހޭ ޕްރޮގްރާމްތައް ތައާރަފް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ ޑިޓޮކްސް ސެންޓަރ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާއިރު، މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަލުން ޑިޓޮކްސް ޚިދުމަތް ފޯރުކުރަން ފަށާނެކަން އިމާދު ވަނީ ވިދާޅުވިއެވެ.

"އެގޮތުން ކޮންމެ ބެޗެއްގައި 15 ކްލަޔަންޓުން ޑިޓޮކްސިފައިކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފުރުޞަތު ދެވިގެންދާނެ". ހިތަދޫގެ ޑިޓޮކްސިފިކޭޝަން ޚިދުމަތާއި ބެހޭގޮތުން އޭނާ ވިދާޅުވިއެެވެ.

އަދި ރިހެބިލިޓޭޝަން މަސައްކަތްތަކަށް މެތަޑޯން ޑިސްޕެންސް ޕްރޮގްރާމެއް މުޅިން އަލަށް ތަޢާރަފްކުރެވިފައިވާ ކަމަށްވެސް އިމާދު ވިދާޅުވިއެވެ. އަދި ވެއިޓް ލިސްޓްގައިވާ ހުރިހާ ކްލަޔަންޓުންނަށް މި ފުރުޞަތުގެ ބޭނުން ހިފޭނެ ކަމަށް އޭނާ ވިދާޅޔވިއެވެ.

އޭނާ ވިދާޅުވީ، ކ ގުޅީގައި ހިންގަމުން ދިޔަ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ހިންގަމުން ދިޔަ ނަމަވެސް، އެތަނުގައި ދިމާވި ދަތިތަކާއި ގުޅިގެން އެތަނުގައި އޭރު ތިބި 10 ވަރަކަށް ކްލަޔަންޓުން ކ. ހިންމަފުށީ ޕްރޮގްރާމްގެ ތެރެއަށް އެންރޯލް ކޮށްފައިވާ ކަމަށެވެ. އަދި އެރަށުގައި ހިންގަމުންދިޔަ އަންހެނުންގެ ރިހެބިލިޓޭޝަން ސާވިސްގައި އޭރުގެ ތިބި ކްލަޔަންޓުންގެ އަދަދު މިހާރު ކުރިއާއި އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިމާދު އިތުރަށް ވިދާޅުވީ އަތޮޅުތެރެއަށްވެސް އެންޑީއޭގެ މަސައްކަތްތައް ފުޅާކުރުމަށް ވިސްނަވާ ކަމަށެވެ. އެގޮތުން، މިހާރުވެސް ކުޅުދުއްފުށީގައި އެންޑީއޭގެ 6 މުވައްޒަފުން ކްލަޔަންޓުން ނެގުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހަދަން ހަރަކާތްތެރިވަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ގަގަން ކްލިނިކް މެދުވެރިކޮށް މެތަޑޯން ޑިސްޕެންސް ކުރުމުގެ މަސައްކަތްކުރަމުންދާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކްލަޔަންޓުންގެ ވެއިޓްލިސްޓް ކުޑަކުރުމަކީ އެންޑީއޭގެ އަމާޒެއް ކަމަށް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

"ޓައިމްލީ ގޮތެއްގައި މި މަސައްކަތް ކްލަޔަންޓުންނަށް ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މި ދަނީ މަސައްކަތްކުރަމުން." އިމާދު އިތުރަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ކޮންމެ ސަރަހައްދަކައް އެމީހުންގެ ފަސްދޮޅަހަކަ ސިފައިން ލައިގެން ދެއްތޯ ތި ކަންކަން ކުރިޔައް ކަނޑާނީ!!!

  2. ރާއްޖެތެރެ

    އިންޑީޔާގެ ފަގީރުންނަ އެހީ ނުވެ ރާއްޖެއައް އެހީ މިވަނީ ކީއްވެބާ؟

  3. އާދަނު

    ސާބަހޭ! އިންތިޚާބަށް ކަޑަޖެހުމުގެ ކަންކަން ބާރަށް ކުރިޔަށް