ފަރުވާ ފުރިހަމަ ކުރުމަށް ފަހު، މިދިޔަ އަހަރު 242 މީހަކު އަނބުރާ މުޖުތަމައަށް ނެރެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

އެންޑީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި ބޭނުންކުރާ 1،017 މީހަކަށް ފަރުވާ ހޯދާފައިވެއެވެ. އެގޮތުން 242 މީހަކު ފަރުވާ ނިންމާފައިވާއިރު 775 މީހުން އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

އެންޑީއޭގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސެންޓަރުތަކުން މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަށް ބަލާއިރު:

- މާލެ ކޮމިއުނިޓީ ސާވިސް ސެންޓަރު: 317 މީހުން

- ކ. ހިންމަފުށީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު: 146 މީހުން

- ހުޅުމާލޭ ހާފްވޭ ހައުސް: 143 މީހުން

- ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރު: 111 މީހުން

- ގަން ކްލިނިކް: 89

- ސ. ހުޅުދޫ، ވިލުނު ސެންޓަރު: 36 މީހުން

- ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު: 55 މީހުން

- ގއ. ވިލިނގިލި، ދަގެނާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު: 19 މީހުން

- ކ. ގުޅި ސެންޓްރަލް ޑިޓޮކްސިފިކޭޝަން ސެންޓަރު: 16 މީހުން

- ހުޅުމާލޭ ހާފްވޭ ހައުސް ފީމޭލް ރީހޭބިލިޓޭޝަން ސެންޓަރު: ހަތް މީހުން

- ހުޅުމާލޭގެ ސެމީ ރެސިޑެންޝަލް ހާފްވޭ ހައުސް: ހަ މީހުން

- ޗިލްޑްރަންސް ކޮމިއުނިޓީ ރިހޭބިލިޓޭޝަން ސާވިސް: ތިން ކުދިން

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެންޑީއޭގެ ދަށުން ހިންގާ 14 ސެންޓަރެއް ހުންނައިރު 2022 ވަނަ އަހަރު އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ މާލެ ކޮމިއުނިޓީ ސާވިސް ސެންޓަރުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު، އެ ވަބާ އިން ދުރުވުމަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރެއިން ފަރުވާ ނުފެށި ކިއުގައި ވެސް ގިނަ ބަޔަކު ތިބެއެވެ.

މެއި 5, 2021 ވަނަ ދުވަހު ދައުލަތުގެ ހިންގުމުގެ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހިންގުން މިނިސްޓްރީ އޮފް ހެލްތްގެ ދަށަށް ވަނީ ބަދަލްކުރެވިފައިވެއެވެ. ސަރުކާރުން މި ގެންނެވި ބަދަލާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ސީދާ ބެއްލެވުމުގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުވަނީ ޖޫން 21، 2021 ވަނަ ދުވަހު އަލުން އެކުލަވާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙައްވަ

    ތިޔަ 242 މީހުންގެ ތެރޭން ކިތައްމީހުންބާ 2023 ވަނަ އަހަރުނިމޭއިރު ދެވަނަފަހަރު ޖަލަށް ވަންނާނީ ސަރުކާރުން ކިތައްމެބޮޑުހަރަދެއް ކުރިއަސް ތިޔަ މީހުންނެތް ރަގަޅެއްނުވާނެ

  2. އަލިމުތް

    ތިއީ ހަމަ ނަމެއްގަ. ތި ތަނުން އައި ދެތިން މީހުނާ ދިމާވެފަ އެބަ ހުރި. ހަރާމުން ހަރާމަށް އެމީހުން ހުއްޓި ނަމަ. އަދިވެސް ހަމަ ކުރިޔަށް!

  3. ޑްރެއިން

    ފަރުވާހޯދާގެން މުޖުތަމައަށް ނެރޭމީހުންގެ ތެރެއިން ސަތޭކައަކުން އެކެއް ސަލާމަތްވަނީ.ދިވެހި މުޖުތަމައު މިއޮއްނަނީ ބައެއްގެ ވިޔަފާރިޔަށް މަސްތުވާތަކެތީގެ ހާއްޔަކަށް ހަދާފަ

  4. ހުސޭނުބޭ

    ތިކަން ކޮށްގެން ..... އޯގާތެރިކަމާއެކު ބުރަކަށީގައި ފިރުމައިގެން ...... އޯގާތެރިކަމާއެކު އަލާލައި އެއްބައިވެގެން ތިކަމުން ސަލާމަތްވާނެނަމަ މިހާރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު ނުހުންނާނެ

  5. ޙަނދުކޭތަ

    އެހެންވެތަ މާލޭގެ އެކިދިމަ ދިމާލުގަ ބިއްގެޅިފަ ވަންނާނެ ތަނެއްނެތިފަ ޒުވާނުން އެތިބެނީ

  6. ޢަލީ

    އެހެންވެގެންދޯ މަގުމަތީން މިދުވަސްކޮޅު ޕާޓޭއިން މާގިނައިން މި ފެންނަނީ.

  7. ރަން ރީނދޫ

    ހަފްތާ ނުވާނެ އަނެއްކާ ތި 242މީހުންނަށް އޮންނާނީ ފަރުވާދޭން ޖެހިފަ