ރާއްޖޭގައި ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ)ގެ ޚިދުމަތްތައް ހޯދަމުންދާ މީހުންގެ ތެރެއިން ގިނައީ އަމިއްލައަށް އެދިގެން ފަރުވާ ހޯދާ ފަރާތްތަކުގެ ބަދަލުގައި ކޯޓް އަމުރުގެ ސަބަބުން ފަރުވާ ހޯދާ ފަރާތްތައް ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ހާމަކޮށްފިއެވެ.

އެންޑީއޭއިން މިގޮތަށް ހާމަކޮށްފައި ވަނީ މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ފަރުވާދޭ މުޅި ނިޒާމު ބަދަލުވާންވީ އަމިއްލައަށް މިކަމަށް އެދިގެން އަންނަ މީހާއަށް ފަރުވާދެވޭނެ ގޮތަކަށް. އެމީހާއަށް އިސްކަންދޭ ގޮތަކަށް. ކޯޓުގެ ހުކުމަކާއި އެކީ އަންނަ މީހާއަށްވުރެ އަމިއްލައަށް ރަނގަޅުވާން އިހުލާސްތެރިކަމާއިއެކީގައި އަމިއްލައަށް ފަރުވާ ބޭނުން ވެގެން އަންނަ މީހާއަށް ފުރުސަތު ދިނުން މާ މުހިންމު." އިމާދު ވިދާޅުވިއެވެ.

އެގޮތުން ޑްރަގް ކޯޓް އަމުރެއްގެ ދަށުން މި ޚިދުމަތް ނަގަމުންދަނީ 612 މީހުންނެވެ. އަމިއްލަ އެދުމުގެ މަތިން ފަރުވާ ނަގަމުންދަނީ 117 މީހުންނެވެ. އަދި ފުލުހުންގެ ފަރާތުން މި ޚިދުމަތަށް ފޮނުވާފައިވަނީ އެންމެ މީހެކެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން އުމުރުން 18 އަހަރުން ދަށުގެ އެންމެ ކުއްޖަކު މި ޚިދުމަތަށް އެދިފައިވާކަން މިދިޔަ އަހަރުގެ ބައެއް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

މީގެ ތެރެއިން 28 މީހަކު މި ޕްރޮގްރާމުން ވަކިކޮށްފައިވާކަމަށްވެސް އެ އެޖެންސީއިން ބުނެފައިވެއެވެ.

އޭގެ އިތުރުން، 727 މީހެއްގެ އެސެސްމެންޓް ހަދާފައިވާއިރު، އޭގެ ތެރެއިން 694 މީހަކީ ފިރިހެނުންނެވެ. އަދި 33 އަންހެނުންގެ އެސެސްމަންްޓް ހެދިފައިވާ ކަމަށް ތަފާސްހިސާބުތަކުގެ މައުލޫމާތުގައި ވެއެވެ.

މިދިޔަ އަހަރުގައި ރިހެބިލިޓޭޝަން ފަރުވާ އެއްކޮށް ފުރިހަމަ ކޮށްފައި ވަނީ 257 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 233 ފިރިހެނުންނާއި 24 އަންހެނުންނެވެ.

އިމާދު ވިދާޅުވީ، މީގެ ކުރީގައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ކުށުގެ ރިކޯޑަށް ބަލާ ކަމަށާއި އެ އުސޫލު މިހާރު އިސްލާހުކޮށް މި ވަބާއިން ސަލާމަތްވާނެ ފުރުޞަތު ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކަށް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، އަމިއްލައަށް އިސްނަގައިގެން އެޑިކްޝަންއަށް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތައް މަދުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތީގެ ވަބާއިން އަމިއްލައަށް ސަލާމަތްވާން ބޭނުންވެ އެންޑީއޭގެ އެހީއަށް އެދޭ މީހުންނަށް އަބަދުވެސް އެ ދޮރު ހުޅުވިފައި ހުންނާނެ ކަމަށާއި، އެފަދަ މީހުންނަށް އިސްކަންދޭނެ ކަމަށްވެސް އިމާދު ވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ތަނުގައި ފަރުވާދިނުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭނަން އަމިއްލައަށް އެ އެޑިކްޝަން އިން ސަލާމަތްވާން ބޭނުންވެގެން އަންނަ ފަރާތްތަކަށް. އެންޑީއޭގެ މަސައްކަތްތައް އަޅުގަނޑުމެން ބައްޓަން ކުރާނީ އެގޮތަށް،" އިމާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިހޭފޮއި

    މޯހިތްވާ މީހުން ގިނަވީޔޭ

  2. ޢެން ޑީ އޭ ގެ ސްޓާފެއް

    ކަނޑަ އެޅިގެން ހަދާ ބޮޑު ދޮގެއް! ޢެތަކެއް އެޑިކްޓުން މިހާރުވެސް ކޮންމެ ދުވަހަކު ގޮސް ކިއު ހަދާ. ޢެކަމަކު ސެންޓަރުގަ ޖާގަ ފުލް އޭކިޔައިގެން އެކުދިން ނާ ހަވާލެއް ނުވޭ. ޢެތާ މަސައްކަތް ކުރާ މީހެއް އަޅުގަޑަކީ!!

    5
    1