ހުޅުމާލޭގައި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒެއް ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން ވަނީ ހުޅުމާލޭގައި ގާއިމްކުރަން ހަމަޖެހިފައިވާ މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ފޮނުވުމަށް އެކުންފުނީގެ އިއުލާންގައި އެދިފައިވެ އެވެ.

އެޗްޑީސީ އިން ބުނެފައި ވަނީ ޕްރޮޕޯސަލްގައި މަރުކަޒަށް ހާއްސަ ޕާކިން ޒޯނަކާއި އަދި ވަދެ ނިކުތުމަށް ފަސޭހަ ޑިޒައިނެއް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ޕްރޮޕޯސަލްގައި ހިމަނަން ޖެހޭނެއެވެ.

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒެއް ހަމައެކަނި ގާއިމްކޮށްފައި ވަނީ ކ. ގުރައިދޫގަ އެވެ. ގުރައިދޫ މަރުކަޒުގެ ފެންވަރު ދަށްކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. އެތަނުގެ ހާލަތު ރަނގަޅު ކުރުމަށް އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މަރުކަޒާއި ގުޅިގެން ކުރަމުން އަންނަ ޝަކުވާތަކަށް ނިމުމެއް ނާދެއެވެ.