(ޅ. އޮޅުވެލިފުށި) މިރަށުގައި 750 މީހުންގެ ޖާގައި މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހެޔޮ އެދޭ އަމިއްލަ ފަރާތަކުން އަޅާ މި މިސްކިތް އިމާރާތް ކުރަން ފަށާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. މި މިސްކިތް އިމާރާތް ކުރަނީ ބަނދަރު ކައިރީގައެވެ.

އޮޅުވެލިފުށީގައި މިހާރު ބޭނުން ކުރަމުން އަންނަނީ އެއް މިސްކިތެވެ. އޮޅުވެލިފުށީގައި އެންމެ މިސްކިތެއް ހުންނާތީ ޖާގައިގެ ދަތިކަން ވެސް އިންތިހާ އަށް އެ ރަށުގައި އެބައޮތެވެ.

އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް "ވަގުތަށް" އަށް ވިދާޅުވީ އާ މިސްކިތް ނިމުމުން މިހާރު ބޭނުން ކުރަމުން އަންނަ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލާނެ ކަމަށެވެ.

"މިހާރު ބޭނުން ކުރާ މިސްކިތް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި، އެތަން ދެން މިސްކިތެއް ގޮތަށް ބޭނުން ނުކުރާނެ އާ މިސްކިތް އަޅާ ނިމުމުން". އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރު އަޅަމުންދާ މިސްކިތް ނިމުމުން ކުރީގެ މިސްކިތް ބަންދު ކުރުމަށްފަހު އެ ތަން ބޭނުން ކުރާނީ ކުދިކުދި މަސައްކަތްތައް ކުރުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ އާ މިސްކިތާ އެކު ޖާގައިގެ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.

"ހުކުރު ދުވަހު މިސްކިތް އޮންނަނީ ފުރިފައި، އެހެންވީމާ އާ މިސްކިތް އެޅުމުން މިސްކިތް ފުރޭ މައްސަލަ އަށް ހައްލު ލިބިގެން ދާނެ" އާޒިމް ވިދާޅުވިއެވެ.

އަމިއްލަ ފަރާތަކުން އަޅާ މި މިސްކިތަށް ދާނެ ހަރަދެއް އޮޅުވެލިފުށި ކައުންސިލުން ހާމައެއް ނުކުރެއެވެ.

އޮޅުވެލިފުށި ކައުންސިލުން ބުނީ މިހާރު އަޅަމުން އަންނަ މިސްކިތަކީ މުންނާރާއެކު ޒަމާނީ ފެންވަރަށް އަޅަމުން އަންނަ މިސްކިތެއް ކަމަށެވެ. މި މިސްކިތުގައި އަންހެން މީހުންނަށް ވެސް ވަކިން ނަމާދު ކުރެވޭ އިރު، އަންހެން މީހުންނަށް ވަކި ވުޟޫ ކުރެވޭނެ ވަކި ތަނެއް ވެސް ހުންނާނެއެވެ.

މިސްކިތް އެޅުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން މަސައްކަތެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.