ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ބަޔަގްރަފީއެއް ނެރެފިއެވެ. މިއީ މިހާތަނަށް ދިވެހި ބަހުން ނެރުއްވި އެންމެ ތަފްސީލީ މައުލޫމާތުތައް ހިމެނޭ ބަޔަގްރަފީއެވެ.

މި ފޮތް ނެރެދެއްވައިފައި ވަނީ ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަން ގައި ބޭއްވި ރަސްމިޔާތެއްގައި ކުރީގެ މިނިސްޓަރ އޮނަރަބަލް އައްބާސް އިބްރާހީމް އެވެ.

ކަށިމާ ޝާކިރު ލިޔުއްްވި މުހައްމަދު އަމީންގެ ބަޔޮގްރަފީ ނެރުން : ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ތާރީހު އިލްމުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ މި ފޮތަކީ، އަމީނު ދީދީގެ ހަޔާތްޕުޅު ހޭދަކުރެއްވި ގޮތުގެ ތަފްސީލް ވާހަކަތައް ހިމެނޭ ފޮތެކެވެ. އޭގެ ތެރޭގައި، ގައުމީ، އިލްމީ، އަދަބީ އަދި ތަރައްގީގެ މަގުގައި ކުރެއެްވި މަސައްކަތްޕުޅުގެ މައުލޫމާތުތައް ހިމެނެއެވެ. އަދި އެންމެ ފަހުން ރައީސް އަމީން ދީދީގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ގޮތާއި، ބަޣާވާތައް ފަހު ދެން ކުރިމަތިވި ކަންކަން ވެސް ތަފްސީލްކޮށް ފޮތުގައި ގެނެސްދީފައި ވެއެވެ.

ފޮތް ނެރުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަމުން ފޮތް ލިޔުއްވި ކަށިމާ ޝާކިރު ވިދާޅުވީ، މި ފޮތަކީ ދިހަ އަހަރު ދުވަހުގެ މަސައްކަތް ކަމަށެވެ.

ކަށިމާ ޝާކިރު ލިޔުއްްވި މުހައްމަދު އަމީންގެ ބަޔޮގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާކިރު ވާހަކަދައްކަނީ : ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"މިރެއަކީ ވަރަށް ވެސް ހާއްސަ ރެޔެއް. ސަބަބަކީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު ކުރަމުން ދިޔަ މަސައްކަތް، އެކަން ނިމި އެ ފޮތް އިފްތިތާހު ކުރުމުގެ ހަފްލާ މިރޭ ބޭއްވިގެން މިދަނީ." ކަށިމާ ޝާކިރު ވިދާޅުވި އެވެ.

މި ފޮތަކީ ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިގެން ނެރެވުނު ފޮތެއް ކަމަށް ޝާކިރު ވިދާޅުވިއެވެ. މިފޮތަކީ ރައީސް އަމީން ދީދީގެ ވެރިކަން ގާތުން ފެނިފައިވާ ފަރާތްތަކާއި، ރައީސް އަމީން ދީދީގެ އަރިހުގައި މަސައްކަތް ކުރި ފަރާތްތަކާއި ތާރީހީ މައުލޫމާތުތައް އެނގިވަޑައިގަންނަވާ މީހުންގެ އިންޓަވިއުތައް ނަގައި، މައުލޫމާތު ހޯދުމަށް ފަހު ނެރުނު ފޮތެއް ކަމަށް ވެސް ކަށިމާ ޝާކިރު ވިދާޅުވިއެވެ.

ކަށިމާ ޝާކިރު ލިޔުއްްވި މުހައްމަދު އަމީންގެ ބަޔޮގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތު : ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އޭނާ ވިދާޅުވީ މި ފޮތަކީ، ދަރިވަރުންނާއި ތާރީހު ދިރާސާ ކުރާ މީހުންނާއި ނޫސްވެރިންނަށް ރިފަރެންސް އަކަށް ބޭނުން ކުރެވިދާނެ ފޮތެއްކަމަށެވެ.

ޝާކިރު ވަނީ މި ފޮތް ދިވެހި ގައުމީ ޔުނިވާސިޓީ އާއި، ވިލާ ކޮލެޖް، ނެޝަނަލް ލައިބްރަރީ ފަދަ ތަންތަނަށް ހަދިޔާ ކޮށްފަ އެވެ. މި ފޮތް މިހާރު މާލޭގެ ބުކްޝޮޕްތަކުން ގަންނަން ވެސް ލިބޭނެ އެވެ.

މިއީ ރައީސް އަމީން ދީދީ އާއި ބެހޭގޮތުން ޝާއިއުކުރެވޭ ހަތަރު ވަނަ ފޮތެވެ. ޑޭޒީމާގެ އައިމިނަތު ފާއިޒާ ވަނީ "އަމީނުގެ ހަނދާންތައް" ނަމުގައި 1997 ގައި ސިލްސިލާ ފޮތްތަކެއް ނެރުއްވައިފަ އެވެ. ރައީސް އަމީން ދީދީގެ ވެރިކަން ނިމުނު ގޮތާއި އެމަނިކުފާނު އަވަހާރަވި ހާދިސާއާ ބެހޭގޮތުން ނޫސްވެރިޔާ މުހައްމަދު ޖަމީލް ވަނީ 2012 ވަނަ އަހަރު "އޯކިޑް" ގެ ނަމުގައި ފޮތެއް ލިޔުއްވައިފަ އެވެ. އަމީން ދީދީގެ ވެރިކަން ނިމުނު ގޮތާ ބެހޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ވެރިއެއްގެ ނިމުން" ނަމުގައި ފޮތެއް ނެރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސސސ

    އަމީން ދީދީ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާރުގެ ބޭނުންކޮށްގެން އެންމެ ދުވަހަކުން ޝަރީއަށް ހިންގާ މަރުގެ ހުކުމް ތަންފީޒް ކުރި ވެރިޔާ.

    1
    2
    • Anonymous

      އޭނާގެ ނުބައިކަމާއި ނުލަފާކަމުގެ ވާހަކަ ދިވެހިން މިހާރުވެސް އެބަދައްކައެވެ.

      1
      1
  2. ހާމިދު ޝާހިދު

    ތީގެ އިނގިރޭސި ވަރޝަން ނެރާނީ އަހަރެން! ހުރިހާ އެންމެންނަށް ދައުވަތު އަރުވަން ހޮޓެލް ޖެންއަށް ދިއުމަނަށް، މުލަ ރޯދަ ވިލޭރޭ!

    2
    1
  3. ޢަލީ

    މާތް ރަސޫލާގެ ސިޔަރަތު ލިޔެބަލަ. އަމީންދީދީ ގެ ބަޮގުރަފީކިޔައިގެން ދުނިޔެވީ އުޚުރަވީ ކޮންފައިދާއެތަ އޮތީ.؟

    6
    2