ދަރަނި ރީސްޓްރަކްޗާ ކުރަން ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ ބޭނުމަކީ ރާއްޖެ ބަނގުރޫޓޫ ކުރުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އީވާ ހުށަހެޅުއްވި ގަރާރަށް މިއަދު ކުރި ބަހުސްގައި ޝަރީފް ވިދާޅުވީ އީވާ ހުށަހެޅުއްވި ގަރާރަކަށް ކަނޑައަޅިގެން އިންކާރު ކުރާ ކަމަށެވެ.

އަދި މިއީ އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓުކޮށްލަން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައިި ރޭވި ރޭވުންތަކުގެ ތެރެއިން އައި އާ ބޮޅެއް ކަމަށެވެ.

އެގޮތުން ރާއްޖެ ބަނގުރޫޓްވެއްޖެ ކަމަށް ބުނެ "ރީސްޓްރަކްޗާ" ކިޔައި ކިތަންމެ ރީތި ނަމެއް ކިޔައިގެން އުޅުނަސް ކުރަން އުޅޭ ކަމަކީ ފާއިތުވުވި ހަތަރު އަހަރުގެ ތެރޭގައި ކުރަން އުޅުނު މަސައްކަތް ފެށުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮވިޑްގެ ތިން އަހަރު ދައުލަތުން ކުރި މަސައްކަތްތަކުން ރައްޔިތުން ބަނޑަށް ނުޖެހި އިގްތިސާދު އަލުން އާލާވާން ފަށައިފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ މަހު ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް ނުލިބޭ ވަރަށް އެއް މަހުން ފައިސާ ލިބުނުކަމީ އޭގެ ހެއްކެއްް ކަމަށެވެ.

ތަކެތީގެ އަގު ބޮޑުވާ ކަމަށް ބުނެ އީވާ ދެއްކެވި ވާހަކަތަކަކީ ވެސް އިތުރުފުޅެއް ކަމަށާއި ކަންކަން ހުރީ އެގޮތަށް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 2022 ވަނަ އަހަރު ދުނިޔޭގެ އިންފްލޭޝަން 11 ޕަސެންޓްގައި ހުރި ނަމަވެސް ރާއްޖޭގެ އިންފްލޭޝަން ހުރީ 3.5 ޕަސެންޓްގައި ކަމަށާއި އެހެންކަމުން މިއީ ދުނިޔޭގެ ނިސްބަތުން ވެސް އާދަޔާ ހިލާފު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ލަންކާ ބަނގުރޫޓުވި ގޮތަށް ރާއްޖެ ބަނގުރޫޓުވިކަމަށް އިއުލާން ކުރުމުގެ ފުރުސަތު ހަމަ ހިލާ ނުދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މި ގަރާރުގެ ބޭނުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ މެދުގައި ރާއްޖޭގެ މާލީ ނިޒާމުގެ މައްޗަށް އިތުުބާރު ގެއްލުވާލުން. ދިވެހި ފައިސާގެ އަގު ވައްޓާލުމަށް ބާރު އެޅުން. އެއީ މިގޮތަށް ކަންކަން ހިނގީމައި އެ ގައުމުގެ ފައިސާގެ އަގު ވެއްޓިފައި އެބަހުރި. އެ ފައިސާއަކީ އެ އިތުބާރުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެއް. އެހެންވީމާ މި ގައުމު ބަނގުރޫޓްކުރަން ހުށަހަޅާ އަދި އަޅުގަނޑު ވަރަށް ގާތުން ދުށިން މި ގައުމު ބަނގުރޫޓް ކުރުމަށްޓަކައި މި މަޖިލިސް ތެރޭގައި ބަޔަކު ކުރަމުން ދިޔަ މަސައަކަތް" ޝަރީފް ވިދާޅުވި އެވެ.

އީވާގެ ގަރާރަށް ބަހުސް ކުރައްވަމުން ނަޝީދަށް ތާއިދު ކުރާ މެންބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް މިއަދު ސަރުކާރަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަނާ

    ޝަރީފޫ ކަލޭ އެމްއެމްޕީއާރުސީ ލާރިގަނޑުން ހޯދި ވަގުލާރިގަނޑު ހަވާލުކުރޭ، އަލިފާންކައިގެން ދަރިންނަށްދީގެން ހުރެ އަނގަފަޅާކަށް ރީއްޗެއްނޫންކަލޭ!

    13
  2. އަބްދޫ

    ކަލޯ މަވޯޓާ ގައުމު ބަގުރޫޓް ނުވެ އެބައޮތްތަ ؟އެމްއެމްއޭ ގެ ކެޕިޓަލްގެ އިތުރަށް އެމްއެމްއޭ އިން ފައިސާ ނެރުމަށް ކިޔަނީ ރުފިޔާ ޗާޕްކުރުން .އެއީ މެސިންބަހައްތާފަ ޗާޕްކުރާ ވާހަކައެއް ނޫން . މި ޗާޕްކުރާ ރުފިޔާ އަކީ ވެސް އަބުރާ އެމްއެމްއެ އަށް ދައްކަންޖެހޭ ދަރަނި . މިފައިސާ ވެސް 50 އހަރުފަހުން ދައްކަން ހެދިމަ ބަގުރޫޓް ނުވެ އެބައޮތްތަ؟ ދަވްލަތުގެ ރަޖިސްޓަރީގަ ހުރި ހުރިހާ އިމާރާތް ސްކޫކް ގެ ނަމުގަ މޯގޭޖް ކޮށް ދަރަނި ނެގުމުން ދަވްލަތް ބަގުރޫޓް ނުވޭތަ؟ ކުރިޔަށް އޮތް 50 އަހަރެއްހާދުވަހުގެ ރެސޯޓްކުލި އަތުލާ ކުރިޔަށް އޮތްދުވަސްތަކުގަ ރެސޮޓް ކުލިން އާމްދަނީ ނުލިބޭގޮތް ވުމަކީ ދަވްލަތް ބަގުރޫޓް ވުންނޫންތަ؟ ދަވްލަތުގެ ނަމުގާ ނަގާފައިވާ ދަރަނި 115 ބިލިއަން ރުފިޔާ އަށް އެރުމަކީ ދަވްލަތް ބަގުރުޓްވުންނޫންތަ؟ ޗާޕްކުރި ނޫޓް އެސްބީއައި އަށް ޖަމާކޮށް އިންޑިޔާގެ ރިޒާވްބޭންކުން ދަރަނިނަގާ ރާއްޖޭގެ ރަސްމީރިޒާވްއަށް ޖަމާކުރުމުން ރާއްޖޭގެ ރަސްމީރިޒާވް ދަރަނިވެރި ވެފަ އޮތުމަކީ ދަވްލަތް ބަގުރޫޓް ވުންނޫންތަ؟ މިހާރު މިހަދާގޮތަކީ އިންޑިޔާގެ ރިޒާވްބޭންކުން ދަރަނި ނަގާ ލޯންއަދާކުރަން ފައިސާ ދައްކާ ދަވްލަތުގެ ހަރަދު ރުފަިޔާ ޗާޕްކޮށްގެން ކުރުމަކީ ދަވްލަތް ބަގުރޫޓް ވުންނޫންތަ؟މިހާރު ދަރަނި ނެގުން ހުއްޓުވުމުގެގޮތުން ކޯންތަކަށް ފައިސާދެއްކުމުގަ އިތުރުމުއްދަތު ހޯދަން މަސްވަރާ ކުރުމަކީ ނެތްކަމެއްނޫން. އެކަމާ ސަރުކާރުން ދެކޮޅުހެދުމަކީ ދަވްލަތް ބަގުޜޫޓް ކޮށްލަން ސަރުކާރުން ބޭނުންވާކަން ދޭހަކުރެވޭ ދަލީލެއްނޫންތަ؟ ދަވްލަތުން ދަރަނި ނަގާ ބޭންކްތަކަށް ފައިސާ ދޫކޮށްގެން އޭޓީއެމުން ލިމިޓް ކަނޑަލިޔަކަސް ދަވްލަތް ބަގުރޫޓް ނުވާކަމަށް ހެދިދާނެބާ؟

  3. ދަރަނި ދަންތުރަ

    ސަރީފޫ ގައުމު ބަގުރޫޓު ވަނީ ގަރާރަކުންނޫނޭ ، ސަރީފުމެން ދިވެހިންގެ ހަތަރެސް ފަޔަށް ކެއްނުވާވަރަށް ދަރަނި ނަގާ ގައުމުގެ ހަޒާނާ ދަވާލީ ، ސަރީފުގެ ދަރި އެމްބަސީ ވަޒީފާގައި ހައްގުވާ އަދަދަށްވުރެ ސަތޭކަ ގުނަ އިތުރަށް ނަގައިގެން އެހަރަ ކަނީ މަވޯޓާ މާލޭން ބޮޑެތި ބިންތަށް ގަންނަނީ ކޮންތާކުން ފައިބާ ރުފިޔާ އެއްތަ ޗޯރު