އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ތާރު އަޅާފައި އޮތް ބައި މި ހަފްތާ ތެރޭގައި ހުޅުވާލާނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަގުތު"އަށް ވިދާޅުވީ އަމީނީ މަގުގައި ތާރު އަޅައި ތަރައްގީ ކޮށްފައިވާ ސަރަހައްދު މި ހަފްތާ ތެރޭގައި އާންމުންނަށް ހުޅުވާލާނޭ ކަމަށެވެ.

އެ މަގު ހުޅުވާލާނޭ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް އެ މަގުގައި ތާރުއެޅުން އެ ކުންފުނިން އެމްޓީސީސީއާ ހަވާލު ކުރީ މި މަހުގެ ކުރީކޮޅުގައެވެ. އެމްޓީސީސީން ވަނީ އަމީނީ މަގުގެ ތިން ސެގްމެންޓެއްގައި ތާރު އަޅާފައެވެ.

ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީ މަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް އެންމެ ފަހުން ބުނީ އަންނަ ސެޕްޓެމްބަރު މަހު ހަތަކަށެވެ.

ޖުމްލަ 13 ސެގްމަންޓަކަށް އަމީނީ މަގު ހަދަމުން އަންނަ އިރު، މިފަހަކާ ޖެހެން ދެން ފުރަތަމަ ތިން ސެގްމަންޓްގައި ތާރު އެޅުން ފިޔަވައި ހުރިހާ ކަމެއް އޮތީ ނިމިފައެވެ. އަދި ހަތަރު ވަނަ ސެގްމަންޓްގެ މަސައްކަތް އޮތީ ފަށައިފައެވެ. އެގޮތުން ތާރު އެޅުމަށްޓަކައި ދަރުބާރުގެ ކައިރިން ފެށިގެން ސިނަމާލެ ފްލެޓާ ހަމައަށް އަމީނީ މަގު ބަންދުވެސް ކުރިއެވެ.

ތާރު އެޅުން އެމްޓީސީސީއާ ހަވާލުކުރީ އެ ކަމަށްޓަކައި އާރުޑީސީން ރާއްޖެ ގެނެސްފައިވާ މެޝިން ބަހައްޓާނެ ޖާގަ އަދި ހަމަނުޖެހި ދުވަސްތަކެއް ވާތީއެވެ. އެހެންވެ، އާންމުންނަށް އުނދަގޫވެ، ބޮޑެތި ތަކުލީފްތަކެއް އުފުލަން ޖެހިފައިވާތީ އެމްޓީސީސީއާ އެ މަސައްކަތް ހަވާލު ކުރީއެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:

  • 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
  • - މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).
  • - ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ.
  • - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ.
  • - މަގުގެ ފެހިކަން ނުގެއްލޭނެ.
  • - ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ.
  • - ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ.