ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

މި މަޝްރޫޢުތަކުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ބަނދަރު ބޭނުންކުރުމަށް ކުރިމަތިވާ މައްސަލައާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރު ބޮޑުކުރުމާއި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 7512 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 527,36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 882 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

އަދި 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 5.1 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1475 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް 47 މިލިއަން ރުފިޔާއަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ރަށްފުށުގެ ރައްޔިތުން ހަނދާންކުރާށެވެ! 4 އަހަރު ބައި ގައި ބަޖެޓު ކެއުންފިޔަވައި އެހެންކަމެއްނުކޮށްތިބެފަ 2023 ގެ އިންތިޚާބު ކައިރިވުމުން ރަށްރަށަށް ކަންކަންކޮށދޭނެ ދަޅަދައްކާ ވޯޓަށް މީޙުން ހެއްލުމުގެ މަސައްކަތް ސަރުކާރުން އެދަނީ ކުރަމުންނެވެ. ދެން އިތުރު ދައުރަކަށް ކުރިމަތިނުލެވޭނޭކަން ރައްޔިތުން ދަންނާށެވެ. ވީމާ މިއީ އަނދުން އެޅުވުމެވެ. ވަކި ހިސާބަކުން ކަޑަތައް ދާނީ އަޑިއަށެވެ. ދެން އަލުން އޭނާ ވޯޓުހޯދަން އަންނަން ނުޖެހޭނޭތީއެވެ. އޭނާގެ ވެރިކަމުގައި ރާއްޖެއަށް ހަދައިލިގޮތާއި ޚަޒާނާއަށް ކޮށްލިވަރު އަދި ރައްޔިތުން ފެލައިލިގޮތް ހަނދާން ބަހައްޓާށެވެ.

  2. މާޅަހަށް ދެވުނު މީހެއް

    ޝުކުރިއްޔާ ކައުންސިލް ރަޢީސް ޝުޖާ. މާޅޮހަށް ތަރައްޤީ ގެނަސްދިނުމަށް ތިކުރައްވާ ހިތްވަރަށް އައްސެރިބަހަށް ސާބަސް.
    ޝުޖާ ކަހަލަ ރަޢީސް އެއްވެސް މިރަށަށް ބޭނުންވޭ