ލ. ހިތަދޫ އާއި ލ. ކުނަހަންދޫއާ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ސައީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި ހިތަދޫ އާއި ކުނަހަންދޫ އާއި ކޯޒްވޭއަކުން ގުޅުވައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ވައުދެއް ކަމަށެވެ.

އަދި ހިތަދޫ އާއި ކުނަހަންދޫއަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރައްޔިތަކު ދިރިއުޅޭ ދެ ރަށަށްވެފައި މި ދެ ރަށުގެ ރައްޔިތުން އަބަދުވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަން ޖެހޭތީ އާއި، މި ދެ ރަށް ކޯޒްވޭ އަކުން ގުޅާލުމަކީ އިގްތިސާދީ އަދި އިޖްތިމާއީ ގޮތުންވެސް ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމެއް ކަމަށް ގަރާރުގައިވެއެވެ.

ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ވެސް އެ ވައުދު ނުފުއްދޭ ކަމަށާއި އެ މަސައްކަތް އެމްޓީސީސީއާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަވާލު ކުރިނަމަވެސް ކޯޒްވޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ނުދާތީ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ގަރާރުގައިވެއެވެ.

އެހެން ކަމުން އެ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި ސައީދު ސަރުކާރަށް ގޮވާލެއްވިއެވެ.