އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް އެދިގެންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޝިފާޒު މަގާމުން ވަކިކޮށްފައިވާތީ، ވަރަށް ގިނަ މީހުން ވަނީ އެކަމާއި ގުޅޭގޮތުން ރައީސް ސޯލިހަށް ފާޑު ކިޔައިފައެވެ. އަދި ޝިފާޒްއަކީ މި ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ފަރާތް ކަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ބައެއް ބޭފުޅުންވެސް ވަނީ ފާހަގަކޮށްފައިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ އިރެއްގައި އެމްޑީޕީ ސަރުކާރު ގެންނަން މަސައްކަތް ކުރި ކަމަކު، މިއަދު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅަކު ރައީސްގެ ޕޮލިޓިކަލް މިނިސްޓަރަކަށް ބަހައްޓައިގެން ހުރުމަކީ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

"ޝިޕާޒް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމުމަކީ އެމްޑީޕީ ޕީޖީގެވެސް އެދުމެއް" ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން ޝިފާޒު ވަކިކުރައްވާފައެވެ. ޝިފާޒު ވަކިކުރައްވާފައިވާއިރު، ޝިފާޒަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އަދި ހަމައެއާއިއެކު، އެމްޑީޕީގެ ޕްރައިމަރީގައި ވެސް ޝިފާޒް ތާއީދު ކުރެއްވީ ނަޝީދަށެވެ. އެނގިފައިވާ ގޮތުގައި ނަޝީދުގެ ކެމްޕެއިން ފެއްޓެވީއްސުރެ، އޭނާ އޮފީހަށްވެސް ވަޑައިނުގަންނަވައެވެ. އޮފީހަށް ނުނިކުތް ނަމަވެސް އޭނާ އާއި މެދު އޭރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޝިފާޒް މަގާމުން ވަކިކުރުމާއެކު، އޭނާ ވަކިކުރި މަގާމަށް ރައީސް ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު އައްޔަންކޮށްފައިއެވެ.

އެމްޑީޕީ ދެބައި ވެފައިވާއިރު ނަޝީދަށް ތާއިދުކުރާ ސަރުކާރުގެ އިސް ބޭފުޅުން މަގާމުން ވަކިކުރަން ފަށާފައި ވަނީ މިހަފްތާގައެވެ. ފުރަތަމަ މަގާމުން ވަކިކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން އަމުރުއެވެ. އޭގެ ދެ ދުވަސް ފަހުން މަގާމުން ވަކި ކޮށްފައި ވަނީ ގއ. ކޮލަމާފުށި އިޖްތިމާއީ މަރުކަޒުގެ ޔޫތް އެސޯސިއޭޓްސްގެ މަގާމުގައި ހުރި ޞަފްއަތުﷲ ޖަމީލެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަމަރީ

    ރޮޒޭމެންނަށް ދައުލަތުގެ ޙަޒާނާ ކާލަން މަގުފަހި ކޮއްދެނީއެއްނު.. ބާކީ 5 މަސް

  2. ތުންފުހި

    މަހީކުރީ ފިރިސޮރު ބުނެގެންކަމަށް..