އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރުމުން ސާފުވީ އެ ޕާޓީއަކީ މިއަދު ސީދާ ޒައީމްވަންތަ ޕާޓީއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގަިއ ވިދާޅުވީ އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ވަކިކުރުމުން ސާފުވީ އެމްޑީޕީއަކީ މިއަދު ސީދާ ޒައީމްވަންތަ ޕާޓީއެއްކަން ކަމަށެވެ.

"އެޕާޓީގެ ރިޔާސީ ވައުދު ޕާޓީގެ އަސާސީގަވާއިދުގެ 19 މާއްދާއާ ހިލާފުތޯ؟ ގޮށްމުށުގެ ބާރު އޯކޭވީތޯ؟ ކޮރަޕްޝަނާ ދެކޮޅުވުން ކުށެއްތޯ؟" ޖަމީލް ވިދާޅުވި އެވެ.

އެމްޑީޕީއިން އާޒިމް ވަކިކޮށްފައިވަނީ އިއްޔެ ވަގުތެއްގަ އެވެ. އެ ނިންމުން ނިންމާފައި ވަނީ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން އެދުމުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އާޒިމް ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދި ފަހުން އާޒިމް ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އުފައްދާފައިވާ "އިދިކޮޅު އިއްތިހާދު"ގެ ބައްދަލުވުމެއްގައިވެސް ބައިވެރިވަޑައިގަންނަވާފައެވެ. އަދި އޭގެ ފަހުން އެކަމާއި ގުޅޭގޮތުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެވެ.

އާޒިމް އެމްޑީޕީން ވަކިވެފައިވާކަން ނިންމީ އެ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

ފިކުރެއްގެ ދިރުމުގެ މެމްބަރުންތަކެއް ވިޕްލައިނާއި ހިލާފްވަމުންދާތީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ. އެ ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ، ސަރުކާރަށް ފާޑު ވިދާޅުވިޔަސް ފިޔަވަޅު އަޅަން އެމްޑީޕީއަށް ނުކުރޭނެ ކަމަށެވެ.

އެމްޑީޕީއާ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މީގެކުރިން ވަނީ ވަކިން ޕާލަމެންޓްރީ ގްރޫޕެއް ވެސް ހަދައިފައެވެ.