ގިިނިކާމާދޫނި (އޮސްޓްރިޗް) ޢާންމުން ދިރިއުޅޭ ގެތަކުގައި ގެންގުޅުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލޭ ގެއެއްގައި ގިނިކާމާ ދޫނި އޮޅުކޮށްގެން ގެންގުޅޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ، ގިިނިކާމާދޫނި ގެންގުޅޭ ކަމަށް ބެލެވޭ މީހަކު މި ދޫންޏާއި އެކު މާލޭ ގެއެއްގެ ދޮރުކައިރީ ހުރި ފޮޓޯއެއް މިއަދު މީސް މީޑިއާގައި ވަނީ އާއްމުވުމާއި ގުޅިގެންނެވެ. އެ ފޮޓޯއިން ފެންނަނީ، އިމާރާތެއްގެ ދޮރުމަތީގައި ގިނިކާމާ ދޫންޏާއެކު ހުންނަ ތަނެވެ. އެ ފޮޓޯއިން އެ މީހާއަށްވުރެ ގިނިކާމާ ދޫނި ދިގު ކަން އެނގެއެވެ.

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅެވޭނީ އެފަދަ ތަކެތި ގެންގުޅުމަށް ހާސްސަކޮށް ރަޖިސްޓްރީކޮށްފައިވާ ފާމްތަކުގައި އެކަނި ކަމަށެެވެ.

"މިމިންގަނޑުތައް މައިގަނޑު ގޮތެއްގައި ބިިނާވެފައި ވަނީ ޖަނާވަރު ގެންގުޅުމުގައި ބައިނަލްއަގުވާމީ ގޮތުން އަމަލު ކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި (އެނިމަލް ވެލްފެއަރ) ހަޔާވީ ރައްޚާތެރިކަމުގެ (ބަޔޯ ސެކިއުރިޓީ) މިންގަނޑުތަކުގެ މައްޗަށެެވެ". އެ ބަޔާނުގައި ވެއެވެ.

ނަމަވެސް ގިނިކާމާ ދޫނި ގެންގުޅެނީ ހުއްދަ ނަގައިގެން ކަމަށް ވެރިފަރާތުން ބައެއް މީޑިއާތަކުގައި ބުނެފައި ވެއެވެ. ގިނިކާމާ ދޫނިގެ ބިސް ރާއްޖެ ގެންނަން ސަރުކާރުން ހުއްދަ ދިން ކަމުގެ ލިޔުމެއް ވެސް ދައުރުވަމުން އެބަދެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި މިއަދުން ފެށިގެން ޕެޓްގެ ގޮތުގައި ދިރޭ ޖަނަވާރު (ޕޯލްޓްރޯ ދޫންޏާއި، ލައިވްސްޓޮކް) އެތެރެ ކުރުމަށް އެ މިނިސްޓްރީން ހުއްދަ ދޫކުރަނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ގިިނިކާމާދޫނި އޮޅު ދޫނިތަކުގެ ތެރެއިން އެންމެ ބޮޑު ދޫންޏެވެ. މިދޫނި އެންމެ ގިނައިން އުޅެނީ އޮސްޓްރޭލިއާގައެވެ.

ރާއްޖެ އެތެރެ ކުރުން މަނާ ދޫންޏާއި ބައެއް ބާވަތްތަކުގެ ޖަނަވާރުތައް ޕެޓްގެ ގޮތުގައި ސިއްރުން ގެންގުޅެއެވެ. 2014 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެފަދަ ވަރަށް ގިނަ ޕެޓް އަތުލައިގަނެ އެތަކެތި ނައްތާލާފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނުގެ ދަރި ލަތީފް

    ޙުއްދަ ދިނީމަ ނިމުނީބާ ފާމް ހެދީ ކޮން ތާކުތޯ އާ ފާމް ހަދައިފިތޯ ވެސް ބަލަން ޖެހޭނެ ކަމެއް ނޭންގޭބާ

  2. ސަންފަ

    ޙަމައެކަނި ހުއްދަ ދިނީމަ ނިމުނީތޯ ފާމް އޮތީ ކޮންތާކުތޯވެސް ބަލަން ޖެހޭނެތާ .

  3. ހަސަދަ

    އެސޮރަށް އިހާނެތިކޮށް ނުހިތާނަމަ (ހީވާކަހަލަ ރާއްޖޭގެ އެހެން އޮޅު ޖަނަވާރު ގެންގުޅެނީ މާ ރަނގަޅަށްހެން)، ހުއްދަނަމަ ހަމަ ރަނގަޅު ގެންގުޅެން.

    ބަޔަކު ހަސަދަލީމަ ޖަނަވާރުގެ ހައްގު ކިޔާފަ ފެލާލާކަށް ނުވާނެ.

    މީގެ ކުރިން މީހެއްގެ ހުދު ބަކަމޫނެއްވެސް ސަރުކާރުން ކައްވާލި ރިތިވީމަ.

  4. މާދޫނި މާރިޔާ

    އޮސްޓްރިޗް ތަ ރައީސް ސޯލިހުތަ؟

  5. ޒާ

    ރާއްޖޭގައި ހަދާފައިވާ ހަރުކަށި ގަވާއިދުތަކުގެ ސަބަބުން މީހަކަށް ދޫންޏެއްވެސް ނުގެންގުޅެވޭތާ މިރާއްޖޭގާ މަސްކެއުމަށްބޭނުންހިފޭނެ އެއްވެސްބާވަތެއްގެ ޖަނަވާރެއްވެސް ގެންގުޅުން އޮންނަނީ ބޮޑު އުނދަގުލަކަށް ވެފަ. ލުއިފަސޭހަވާނެ އެއްކަނެއްވެސް ނެތް.