މީހުން ދިރިއުޅޭ 4 ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް ގާއިމްކުރަން ނިންމައިފިއެވެ.

މި މަސައްކަތް ކުރެވިގެންދަނީ ރާއްޖެއިން އިއުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އެގޮތުން، އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން ނ.ލަންދޫ، ތ.ބުރުނީ، ތ.މަޑިފުށި އަދި ތ.ވިލުފުށީގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކޮށްދޭނެ ފަރާތެއް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ބައެއް ރަށްރަށުގައި ސޯލާ ޕެނަލް ހަރުކޮށްފައި ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ޗައިނާގެ "އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް" އަށެވެ.

މި މަޝްރޫޢުގެ ދަށުން ނ.ލަންދޫ، ތ.މަޑިފުށި އަދ ތ.ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 15 ޓަނުގެ އައިސްޕްލާންޓްއެއް 30 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމު ކުރާނެއެވެ.

އަދި ތ.ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓް، 15 ޓަނުގެ ސްޓޯރޭޖާއެކު ގާއިމު ކުރެވޭނެ ކަމަށްވެސް އެނަވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ކޮންޓްރެކްޓްގައި ސޮއި ކުރާ ދުވަހުން ފެށިގެން 240 ދުވަސް ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1.7 މިލިއަން ޑޮލަރުގެ އަގަކަށެވެ.