ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެ ސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމުގެ އަގު މާލެސިޓީ ކައުންސިލުން ވަޒަންކޮށްފިއެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހު މާލެ ސިޓީ ގޭބީސީތަކުގެ ކެއިންބުއިމާ ބެހޭ އާންމު ޚަރަދުބަރަދަށް ލުއިކަން ދެއްވުމުގެ މަޤުސަދުގައި ޗަންޕާ ބްރަދާރސްގެ ފަރާތުން ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގެ ގޭގެއަށް ފޯރުވައިދެއްވި ދީލަތި އެހީތެރިކަމަށް ޓަކައި އެކަމުގެ އަގުވަޒަންކޮށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ޗަންޕާ މުޙައްމަދު މޫސާ އަށް ހަނދާނީ ފިލާ އަކާއި ހަނދާނީ ލިޔުމެއް އަރުވާފައެވެ.

މާލެސިޓީ ކައުންސިލްގެ ފަރާތުން މި ހަނދާނީ ފިލާއާއި ހަނދާނީލިޔުން މުޙައްމަދު މޫސާ އާއި ހަވާލު ކޮށްދެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ބައްދަލުވުމުގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަންޕާ މުޙައްމަދު މޫސާ ވަނީ މާލެސިޓީ ކައުންސިލުން އެތަކެތި ރައްޔިތުންނަށް ބެހުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ އެކަމަށްޓަކައި މާލެސިޓީ ކައުންސިލާއި، މާލެސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ ޑރ. މުޢިއްޒު ވަނީ ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޗަމްޕާ ބްރަދާސް އާއި ޗަންޕާ މުޙައްމަދު މޫސާ އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. އަދި މިއީ ރައްޔިތުން ވަރަށް ބަލައިގަތް ކަމެއް ކަމުގައި މޭޔަރ ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލަށް ހަވާލު ކުރެއްވި ކާށި އަދި 10 ޓަނު ކަރާ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބަހާފައެވެ. އެގޮތުން 3524 މީހަކަށް 50،375 ކާށި ވަނީ ބަހާފައެވެ. އަދި 2325 މީހަކަށް 4650 ކަރާ ބަހާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިތަކެތީގެ ތެރެއިން ކާށި ބެހުން ކުރިއަށްގެންގޮސްފައި ވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކަރާ ބެހުން ކުރިއަށް ގެންގޮސްފައިވަނީ 27 އޭޕްރީލްގައެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ 2 ފަހަރެއްގެ މަތިން ކާށި ހަދިޔާ ކޮށްފައެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާ ކުރެއްވި ކަރާ، އަދި ކާށި މާލެ ސިޓީ ކައުންސިލުން ވަނީ ކާމިޔާބުކަމާއެކު ބަހާ ނިންމާލާފައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އުއްޗުއަކީ އަސްލު ދިވެހިން އުޅޭގޮތަށް ހެދުން އަޅާ ފައްކާ ރައްލާޖެހި ދިވެއްސަކާއި ވައްތަރު ގިތަކަށް އުޅޭމީހެއް !

  2. އުއްޗު އަތުއަޅުވާލެވޭތޯ ދޯ ތިއުޅެނީ!

    މުޢިއްޒު އެއުޅެނީ އުއްޗު އަތުއަޅުވާލެވޭތޯ އެވެ.

  3. Anonymous

    އުއްޗު އަކީ އަސްލު ދިވެހިން ހެދުން އެޅިގިތަށް ދެގޮތެއްނުވެ ހެދުން އަޅާ ދިވެއްސެއް !