ބަންޑާާރަ ނައިބު ރިފްއަތު އިބްރާހިމްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމައި އެ މައްސަލަ އެޖެންޑާ ކުރި ދެވަނަ ދުވަހު ވެސް މަޖިލިސް ހޫނުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް(އިޓްލޮސް)ގައި ވަކާލާތު ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އަދި އެ މައްސަލަ ބުދަ ދުވަހު އެޖެންޑާކުރި އެވެ. ނަމަވެސް ރިފްއަު އެ ދުވަހު ލިއުމުން ޖަވާބު ދާރީވެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވުމުން މައްސަލަ ކުރިއަކަށް ނުދިޔައެވެ.

އެކަމަކު އެންމެ ފަހުން މަޖިލީހަށް ޖަވާބު ދާރީވަން ނިންމެވުމުން މިއަދަށް އެ މައްސަލަ އަލުން އޮތީ އެޖެންޑާ ކޮށްފައެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެ އިދިކޮޅު މެމްބަރުން ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. މައިކް ކަނޑާލާފައި ހުރުމުން މެމްބަރުން ވިދާޅުވި އެއްޗެއް ސާފެއް ނޫނެވެ.

ނަމަވެސް މަޖިލިހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ބައެއް މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވަމުން ގެންދެވިއެވެ.

ނަމަވެސް ޖަލްސާގެ ހަލަބޮލިވުމުން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރަން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޖަލްސާ ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލައްވައިފައެވެ.

ކުޑަ ވަގުތުކޮޅަކަށް ފަހު، ޖަލްސާ ފެށުމުން ވެސް މަޖިލިސް ޖެހުނީ ނިޒާމީ އޮއިވަރެއްގެ ތެރޭގައެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމުގެ ފުރުސަތު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ރިޔާސަތުގައި އިންނެވި ނަޝީދު ދެއްވިއެވެ.

އެކަމަކު، އާދަމް ޝަރީފް އެ މައްސަލަ ހުށަނާޅުއްވައި ވިދާޅުވީ ކުރިން ބޭއްވި ޖަލްސާ އަށް ބަންޑާރަ ނައިބު ވަޑައިނުގަތީ އެއީ ގޯހުން ކުރެއްވި ކަމެއްތޯ ސާފު ކުރަން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް ދިއުމާ ގުޅޭ ގޮތުން މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް އާ މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާމީ މައްސަލަ ނަންގަވައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވަން އާދަމް ޝަރީފް ބޭނުން ނުވާ ކަން ހާމަވެފައިވާ ކަމަށެވެ. އެހެންވެ، އެޖެންޑާގައި ދެން ހުރި ކަންކަމާ ގުޅޭ ގޮތުން ކުރިއަށް ވަޑައިގަތުމަށް އެ މެމްބަރުން ރިޔާސަތުގެ އަރިހު އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ނަޝީދު ވަނީ ތަކުރާރުކޮށް މައްސަލަ ހުށަހެޅުއްވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޔަހޫދީ އެޖެންޓުން ގެނެސް ގެން ފަނޑިޔާރުންނަށް ބިރުދައްކާ ޖެއްސުންކުރި އޭޖީ ރިފުޢަތު މިއަދު މަޖިލިސްގެ އަދަގޮޑީގައި ބަހައްޓާފަ އެހުރީ 😁

  2. ކުރުކޮށް

    ހޫނުވީ ރިފް ކަންކުރަމުން ގެންދިޔަ ގޮތުން

  3. ފިނރުޓޭ

    ކުރިން އުޅުނީ މަޖްލިހަށް ހާޒިރު ނުވެގެން! މިހާރު މަޖްލިހަށް ހާޒިރު ވެ ޖާވާބު ދާން ބޭނުންވުމުން އެކަންވެސް ކަމު ނުދިޔަ! މީ ކިހިނެތް އުޅޭ ބައެއް ބާވެއޭ މި ހިތަށް އަރަނީ އިނގޭ!