ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ)ން ނުދިނުމުން ދޭހަވަނީ މި ސަރުކާރުގެ ހަޔާތްކުޑަ ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިކޮމްރެޓްސް އުފެއްދުމުގެ ހުއްދަ ނުދިނުމުން ދޭހަ ވަނީ މިނިވަން މުވައްސަސާތަކަށް ސަރުކާރުން އަތް ބާނާ މިންވަރު ކަމަށެވެ.

އަދި މި ސަރުކާރުގެ ހަޔާތް ކުޑަ ކަމާއި އަނިޔާވެރިކަން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އީސީއިން ރޭ ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ނެގި ވޯޓްގައި އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ވޯޓް ދެއްވީ ދެ މެންބަރުނެވެ. އަދި ދެ މެންބަރަކު ވޯޓް ދެއްވީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ރޭ ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދޭން ކޮމިޝަންގެ ދެމެންބަރަކު ވޯޓް ދިނީ ވަކި ސަބަބެއް ދެއްކުމެއް ނެތި ކަމަށެވެ. އެ ދެ މެންބަރުން ބޭނުންފުޅުވަނީ ތިން މަސް ދުވަސް ވަންދެން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ މަޑުޖައްސާލަން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން އީސީން ބުނެފައި ވަނީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަދޭން ކޮމިޝަންގެ ޖަލްސާއިން ފާސްވެފައިނުވާ ކަމަށެވެ.

އީސީގެ ނިންމުމާއި ގުޅިގެން ޑިމޮކްރެޓްސްގެ ސަޕޯޓަރުން ވަނީ ރޭ އެ ޕާޓީގެ ޖަހަގަ ކައިރީގައި މުޒާހަރާ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަޔާތްކުޑަ

    އަޅެކަލޭތީ ލަދެއް ހަޔާތެއްހުންނަ މީހެއްތަ؟

  2. އިސްލާހުޖާޑި

    ލާދީނީ ވެސް މިހާރު ދީނީ ވީތޯ؟