ލ. އަތޮޅުގެ ގިނަ ރައްޔިތުން ތިބީ މާޔޫސްވެ، ކަންބޮޑުވެފައި ކަމަށާއި އެމީހުންގެ ޝަކުވާތަކަށް ހައްލު ހޯދައި ދެވިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ތާއީދު ހޯދުމުގެ ގޮތުން ރިޔާޒް ވަނީ ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ކެމްޕެއިން ކުރައްވައިފައެވެ. ޖޭޕީން ރިޔާޒްއާ ހަވާލުކޮށްފައި ވަނީ ލ. އަތޮޅުގެ އިތުރުން ތ. އަތޮޅުގެ ރަށްތަކުގައި ގާސިމަށް ތާއީދު އިތުރު ކުރުމަށެވެ.

ލ. އަތޮޅުގައި ކުރެއްވި ކެމްޕެއިން ދަތުރާ ގުޅޭ ގޮތުން ރިޔާޒް "ވަގުތަށް" ވިދާޅުވީ ދަތުރުން އެންމެ ބޮޑަށް ފާހަގަވި ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދިމާވާ ދަތިތައް ކަމަށެވެ. މި ދަތުރުން އެމީހުން އުޅޭ ހާލު ވަރަށް ރަނގަޅަށް އެނގިގެން ގޮސްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ރަޝީދު ލ. އަތޮޅުގައި ކެމްޕެއިން ކުރައްވަނީ. --

ރިޔާޒް މިސާލެއްގެ ގޮތުގައި ނެންގެވީ ލ. ކަލައިދޫ އާއިލާއަކަށް ދިމާވި ކަމަކުންނެވެ. އެ އާއިލާގެ މެމްބަރުން މިހާރު ދިރިއުޅެމުން އަންނަނީ ލ. ގަމުގައެވެ. ރިޔާޒް ވިދާޅުވީ އެ އާއިލާގައި ނުހިނގޭ ހަތަރު އަހަރުގެ ކުއްޖެއް ހުންނަ އިރު، ދާދި ފަހުން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާންވެގެން އާސަންދައިގެ ލިއުން ހިފައިގެން ދިޔައީމަ، އެ ކުއްޖާ ދަފްތަރުގައި ނެތް ކަމަށް ބުނެ، އެހީ ވެސް ނުދިން ކަމަށެވެ. އެކަމުގައި އާސަންދައިގެ ވެރިންނަށް ގުޅުމުން ފޯނު ވެސް ނަންގަވާފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އެ ކުއްޖާ ދަފްތަރުގައި ނެތޭ ބުނީ. އެކަމަކު، އެމީހުން އަތުގައި އޮތް އެ ތަނުން ދިން ކާޑު. އެހީ ނުދިނުމުން ބަލި ކުއްޖާ ދާން ޖެހުނީ ރަށަށް. މިއީ ދައުލަތް ލަދުގަންނަން ޖެހޭނެ ކަމެއް،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުން އުޅުއްވަނީ އެމީހުންގެ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ފައިދާއަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހަށް ހޮވިވަޑައިގެންނެވި ފަހުން ދާއިރާގެ ރަށްތަކަށް ވަޑައިނުގަންނަވާ މެމްބަރުން އެބަ ތިއްބެވި ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

"ރައީސް ވެސް ކުރައްވަންވީ ކަމަކީ ފޯންކޮށްލާފައި ގެއަކަށް ވަޑައިގަތުމުގެ ބަދަލުމުގައި ނިކަމެތިކޮށް ދިރިއުޅޭ ރައްޔިތުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ދިރިއުޅޭ ގޭގެއަށް ދާންވީ. އަޅުގަނޑު 17 އަހަރު ހާއްސަ މަޖިލިހާއި ރައްޔިތުންގެ މަޖިލިހުގައި މެމްބަރު ކަން ކުރެއްވިން. ދާއިރާގައި އެކަކު ވެސް ނުހުންނާނެ އާސަންދަ ނުލިބި." ވިލިފުށި ދާއިރާ އަށް އިޝާރާތް ކުރައްވައި ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ރަޝީދު ލ. އަތޮޅުގައި ކެމްޕެއިން ކުރައްވަނީ. --

ލ. އަތޮޅުގެ ގިނަ ރައްޔިތުންގެ ވިސްނުން މިހާރު ބަދަލުވެފައިވާ ކަމަށާއި އެމީހުން ބޭނުން ވަނީ ރާއްޖޭގެ ހާލަތު، އެހެން ހާލަތަކަށް ބަދަލުކޮށްދޭނެ ވެރިއެއް ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. އަދި އެ ރައްޔިތުން ބޭނުން ވަނީ އަނިޔާވެރި ނުވާނެ، އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ބަދަލު ހިފުމެއް ނެތި މަސައްކަތްކޮށްދޭނެ މީހަކު ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ލ. އަތޮޅުގެ ހުރިހާ ރަށްރަށަކާ ބެހޭ ގޮތުން ފާހަގަވި ކަންކަމުގެ ރިޕޯޓެއް ތައްޔާރު ކުރައްވާފައިވާ ކަމަށާއި އެ ރިޕޯޓު ވަރަށް އަވަހަށް ގާސިމަށް ދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައި ދެވޭނެ ބޭފުޅަކީ މިހާރު ގާސިމް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަފާތު ކުރުން ބޮޑުވެގެން މި ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުމާއި ހައްގުތައް ނުލިބިގެން މިއުޅެނީ. ގާސިމަކީ މީހަކަށް ތަފާތު ކުރާނެ މީހެއް ނޫން. އެކަމަށް ހައްލު ހޯދައި ދެވޭނީ ގާސިމަށް. ގާސިމަކީ އާސަންދަ އާއި މަދަނަ ފެށުމުގެ ކުރިން ރައްޔިތުންގެ ޒަރޫރީ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިން،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި މި ދަތުރުގައި ވަރަށް ޒަމާން ވަންދެން ގާސިމްގެ ފަރާތުން ބޭސްފަރުވާގެ އެކިކަންތައްތަކުގައި އެހީތެރިވި މީހުންނާ ވަނީ ބައްދަލުވެފައެވެ.

ރިޔާޒް ވިދާޅުވީ ލ. އަތޮޅުގެ ގިނަ ރައްޔިތުން މިހާރު އެމްޑީޕީ އާއި ޕީޕީއެމް ވެގެން ނޫޅެއެވެ. އެއީ އެއްވެސް ސަރުކާރަކުން އެމީހުން ބޭނުންވި ގޮތަށް ވެރިކަންކޮށް ދީފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގިތެޔޮ

    ހާސްކަނޑާލާ. ޗާގޯސް މައްސަލަ އޮއްބާލަން ގާސިމަށްދިން ވާވެއްދިފަޅު ވިއްކާލަން ހުއްދަ ލިބިއްޖެ. ގާސިމަށް ލާރި ލިބޭ ގޮތްވީ. ރައްޔިތުން ނިކަމެތިވިޔަސް ކީތްތަ؟

    12
    1
  2. ޙައްޖަ

    ގާސިމްބެ ބޮލައް ޗިޕެއްލެޑީ ދެއްތޯ

  3. ޙުސެން

    ބުނަން އެކަމަކު އަދިވެސް އިބޫ ވަރެއްނެތް

    2
    1
  4. ލަކީ

    ހެހެ ރިޔާޒު ރަޝީދަށް މުޅި ލާމު އަތޮޅު ކަވަރުވީ ތީ ވަރަށް ރައްޔިތުންގެ ސަޕޯޓް އޮތް ބޭފުޅެއް ހެހެ

  5. ކާފަދ

    ތެލުގެ އަގު ބޮޑުކަމުންނާއި މަސްކިރާ ވަރުން އޮބި ނޯންނާތީ

  6. އާދަމް ސަލިިީމް

    ކުއްޖަކަށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި ރަށުން ފަރުވާ ނުދެވިގެން މާލެ ގެންގޮސް މާލެއިން ފަރުވާ ނުދެވިގެން ބޭސްފަރުވާ ކުރަން ބެެޭރަށް ދާން އެހީތެރިކަމަށް ޖޭޕީ އަށް އެދުނިން. އެ ޕާޓީ ފަރާތުން ހޮސްޕިޓަލް އަށް އައި އަންހެނަކު ބުނީ ބަލިމީހާއަށް ދޭނެ ފައިސާ ފޮއްޗެއް ޕާޓީގަ ނެތް ކަމަށެވެ.ވެވޭނެ އެހީ އެއްވެސް ނެތްކަމަށް.