ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރ ކުރުމަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފިއެވެ.

އިންތިހާބަށް ރާއްޖޭގެ އޮބްޒާވަރުންނާއި މޮނިޓަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޮބްޒާވަރުންނާއި މޮނިޓަރު ކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަދުގެ މެންދުރުފަހު 15:00 އާއި ހަމައަށެވެ. ނަމަވެސް މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެެކޮމިޝަންގެ ނައިބު ރައީސް, އިސްމާއީލް ހަބީބް ވަނީ އެ މުއްދަތު އިތުރު ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.

ހަބީބު ވިދާޅުވީ, އެ ފުރުސަތު ހުޅުވާލި ނަމަވެސް ކޮމިޝަނުން އުންމީދު ކުރިވަރަށް ތަރުހީބު ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން އެފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ 15:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.

"ކޮމިޝަންގެ މެމްބަރުން ދެންމެ މަޝްވަރާ ކޮށްފަ މި ނިންމީ, 15 ވަނަ ދުވަހުގެ 15:00 އާއި ހަމައަށް މުއްދަތު އިތުރު ކުރަން" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ, ނޫސްވެރިން ވެސް ބޭނުންވަނީ އެންމެ ފަހު ވަގުތު ފޯމު ލައްވަން ކަމަށާއި ނަމަވެސް މިހާރު އިތުރު ކޮށްފައިވާ ވަގުތު ދެން އިތުރު ނުކުރެވޭނެ ކަމަށެވެ.

  1. މޮނިޓަރަކަށް ވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް އީސީން ބުނެއެވެ.

އަދި ބޮރޮޑްކޮމްގައި ރަޖިސްޓްރީ ކޮށްފައިވާ ރޭޑިއޯ ނުވަތަ ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއް ކަމުގައިވުމާއި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހަކަށްވާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އެ މީހަކީ ބައިނަލްއަގްވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްނަމަ އެކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުވާންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.