ރާއްޖޭގައި ރިއަލް އެސްޓޭޓް ޤާނޫނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެފަދަ ޤާނޫނެއް ރާއްޖޭގައި އެކުލަވާލަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ ފަތުރުވެރިކަމަކީ ރިއަލް އެސްޓޭޓުގެ ވިޔަފާރިއެއް ކަމަށާއި ރާއްޖޭގައި ރިއަލް އެސްޓޭޓް ޤާނޫނެއްވެސް އޮންނަޖެހޭ ކަމަށެވެ.

"ރިއަލް އެސްޓޭޓްގެ ވިޔަފާރި އެއީ ހަޤީގަތުގައި ޓޫރިޒަމަކ.ީ އިމާރާތް ކުރުން. އިމާރާތުގެ ކޮޓަރި އެޅުމާ، އިމާރާތުގެ މަސައްކަތެއް މިކުރަނީ. ކޮންސްޓްރަކްޝަންގެ މަސައްކަތެއް ކުރަނީ ފުރަތަމަ ޕްރޮސެސްތެރޭ މި ފެށެނީ." ބޮންޑެ ވިދާޅުވިއެވެ.

ރާއްޖޭގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޤާނޫނެއް ހެދޭއިރު ރިއަލްއެސްޓޭޓް ޤާނޫނެއްވެސް ރާއްޖޭގައި އޮންނަން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމަށް އިންވެސްޓުކުރާނެ ވަރަށް ގިނަ ފަރާތްތައް ރާއްޖޭގައި ތިބިކަން ފާހަގަކުރައްވަމުން ބޮންޑެ ވިދާޅުވީ އެކަންކަން އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓޭނީ ރިއަލް ސްޓޭޓް ޤާނޫނެއް އެކުލަވައިގެން ކަމަށެވެ.

"މިކަމަށް (ފަތުރުވެރިކަމަށް) އިންވެސްޓް ކުރާނެ ވަރަށް ގިނަ ފަރާތްތައް އެބަ ތިބި. އެކަމު މިމަރުހަލާގައި ވާގޮތަކީ ކޮންމެ ސަރުކާރެއް އޮތަސް، އެ ސަރުކާރެއްގައި ތިބޭ ބަޔަކު، މި އިންވެސްޓަރުންގެ އަތުން ފައިސާ ނެގުމާ، އެފަދަ ކަންކަން އެބަ ހިންގާ. އެހެންވީމާ މިކަން ނުދާނެ ގޮތަކަށް ރިއަލް އެސްޓޭޓު ގާނޫނެއް ފުރަތަމަ އެކުލަވާލަން އެބަޖެހޭ." ބޮންޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، ރިއަލް އެސްޓޭޓު ގާނޫނާ ގުޅޭ ބިލެއް ފަރުމާ ކޮށްގެން ގެންގުޅުނު ނަމަވެސް އެ ބިލު ވަކި ހިސާބަކުން ވަނީ ގެއްލިފައެވެ. އަދި އެފަދަ ގާނޫނެއް އަދި އަދަށްވެސް ވުޖޫދުގައި ނެތް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ ޓޫރިޒަމް ރިއަލް އެސްޓޭޓް ގާނޫނެއް ހަދާއިރު، ދިވެހިރާއްޖޭގައި ރިއަލް އެސްޓޭޓް ޤާނޫނެއް ނެތް." ބޮންޑެ ވިދާޅުވިއެވެ.

އަދި ހަމައެއާއެކި ރިއަލް އެސްޓޭޓު ގާނޫނެއް ނެތި، ޓޫރިޒަމް އާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނެސްފިނަމަ ކަންކަން ބޮއްސުންލައިގެން ދާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާމް

    އެހެން. ރިއަލް އެސްޓޭޓް ގާނޫނެއް އޮންނަންޖެހޭ. ދެން އެކަމަކު އެގާނޫނު ހަދާނީ މިހާރު މަޖިލީހުގަ ތިބި މީހުން ބަދަލު ކުރުމަށްފަހު މަޖިލީސް ދޮވެ ސާފުކުރުމަށް ފަހު. ރައްޔިތުންނަށް މިފަހަރު އެނގެން އެބަޖެހޭ މިތިބަ މެމްބަރުންނަކީ ގައުމު ހަލާކަށް ހުށައެޅި މީހުންކަން..

  2. އަަރީ

    މިއޮތްހާދުވަހު މަޖިލީހުގެ ވަގުތު ބޭކާރު އަނގަތަޅަމުން އިސްރާފުކޮއްފް ފަހުނޭވަޔަށް އެޅުނީމަ މިހާރު ދެން މުހިންމު ކަންކަމުގެ ވާހަކަ ނުދައްކާ. މިހާރު ތިއުޅެނީ ފިރުއައުނު ޣަރަގުވާން ފެށީމަ ޝަހާދަތްކިޔަން އުޅުން ބީދާއިން ހަގީގީ ޒިންމާގެ އިހުސާސް ކުރެވިގެން. ރައްޔިތުންނޭ މިއިން އެކަކަށްވެސް ދެން މަޖިލީހުގެ ތަޅުމުން ފުރުސަތުނުދޭތި.

  3. ސުލޭ

    ދިވެހި ބަހުގެ ގަވާއިދުގެ ތެރޭގައި ވާހަކަ ދައްކަން ނޭނގޭ މީހުން މަޖިލީހަށް ނުހޮވަމާ.

  4. އަބްދޫ

    ރާއްޖޭގަ އިމާރާތް ކުރުމާއި ބެހޭ މިންގަނޑު ތަކެއް ކަނޑައެޅިފައިވާ ގާނޫނެއް އޮންނަންޖެއހޭ. އިމާރާތް ކުރެވެމުންދައިރު ކޮންކްރީޓްގެ ފެންވަރު ބަލާ ދަގަނޑުގެ ފެންވަރާއި ދގަނޑު ބޭނުންކުރެވިފަ ހުރި ގޮތާއި ކޮންކްރީޓް އަޅާއި އެކަނ ބަލަން ސިވިލް އިންޖިނޭރަކު ހުންނަންޖެހޭނެ އެ އިންޖުނޭރު ނަގަންޖެހޭ ޒިނަމާތައވެސް ގާނޫނުގަ އޮންނަންޖެހޭނެ.ވަކި މުއްދަތެއްގެތެރެ އިމަރާތަށް ލިބޭ ގެއްލުމުގެ ޒިންމާއާއ ބެހެޭ ވާހަކަވެސް އޮންނަންޖެހެނެ.

    3
    1