ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިސް ކުރުމަށް ބްރިޖިން ކޮމިއުނިޓީސް އޮފް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން "ފަލަސްތީނަށް އެހީވަމާ" ގެ ނަމުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓް ފަސްކޮށްފިއެވެ.

ބްރިޖިންގ ދަ ކޮމިއުނިޓީސްގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަސްފަންނު ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓް ފަހުގެ ތާރީޚަށް ފަސްކުރެވިފައިވާކަމަށާއި، މިހެން ދިމާއީ މާލެ ސިޓީ ކައުންސިލްއާއެކު ކުރެވުނު މުޢާމަލާތްތަކުގައި އެ ތާރީޚާއި ގަޑިއަށް އިންތިޒާމްތައް ހަމަޖެހިގެން ދާނެކަމަށް ލިބުނު މަޢުލޫމާތަށް ފަހު އެ ތާރީޚުގައި އިވެންޓް ބޭއްވުމުގެ ހުއްދަ މި ޖަމްޢިއްޔާ އަށް އަދި ލިބިފައި ނުވާތީ ކަމަށް ބީސީއެމްއިން ވިދާޅުވިއެވެ.

މި ހަރަކާތް ބޭއްވުމަށް ކުރިން ހަމަޖެހިފައިވީ މާދަމާ ހަވީރު 16:00 އިން އިރުއޮއްސި 18:00 އާއި ހަމަ އަށް ރަސްފަންނު ބީޗުސަރަހައްދުގައި ނަމަވެސް މި ހަރަކާތް ވަނީ ދިމާވި ސަބަބަކާހެދި ފަސް ކުރަން ޖެހިފައެވެ. މި ހަރަކާތުގައިި ޖަމްބަލް ސޭލް، ހީނާ އާޓް، ފޭސް ޕެއިންޓް އަދި އެކި ބާވަތްތަކުގެ ކާބޯ ތަކެތި ވިއްކުމަށް ހަމަޖެހިފައިވާކަމަށް ބީސީއެމްގެ އެކްޒެކަޓިވް ޑިރެކްޓަރ އިބްރާހިމް މުހައްމަދު ވަނީ "ވަގުތު" އަށް މައުލޫމާތު ދެއްވާފައެވެ. އަދި މިހަރަކާތްތަކުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ފަލަސްތީނަށް އެހީތެރިވެ ދިނުމަށް އިބްރާހީމް އިލްތިމާސް ކުރެއްވިއެވެ.