މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޕީއެލްއިން ފަލަސްތީނަށް އެހީވުމަށް ހިންގާ ދެ ފަންޑަކަށް ޖުމްލަ 565،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އެމްޕީއެލުން މި ފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމ.ްއާރ.ްސީ) އިން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައ.ިއ.ޭސީ) އިން ހިންގާ "ގާޒާ އެމަރޖެންސީ ރިލީފް" މި ދެ ފަންޑް ފޮއްޓަށެވެ.

އެމްޕީއެލް އާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާކުރީ އިޒްރޭލްގެ ޔަހޫދީން ޣައްޒާއަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

ހަމައެއާއެކު ފަލަސްތީނަށް އެހީވުމުގެ ގޮތުން އެމްޕީއެލްގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓޭނެކަމަށް އެމްޕީއެލުން ވަނީ ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިނގަމުންގެންދާ ހުރިހާ ހަރަކާތްތަކަށް އެމްޕީއެލްގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުންދޭނެކަމަށް އެމްޕީއެލުން ބުންޏެވެ.

ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ދަނީ އެތައް ހަރަކާތްތަކެއް ހިންގަމުންނެވެ. މި ހަރަކާތްތަކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭކަމަށާއި އިސްލާމީ ގައުމުތަކަށް އޮތް ލޯތްބާއި އަޅާލުން ރާއްޖޭގެ ރައްޔިތުންގެ އަމަލުން އަންނަނީ ފެންނަމުންނެވެ.