ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އަށް ތަދައްހުލުވާން ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމަށް ކޯޓުން ރުހުން ދީފިއެވެ.

ޑިމޮކްރެޓްސްއިން ބުނީ އެ މައްސަލައަށް ތަދައްހުލްވުމަށް ސްޕްރީމް ކޯޓުން ރުހުން ލިބިފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ނަމުގައި އެ މައްސަލައިގެ ތެރެއަށް ވަންނަން ޑިމޮކްރެޓްސް އިން ހުށަހެޅީ، އެ ޕާޓީގެ ނުވަ މެމްބަރުން ވަކިވަކިން އެ ފުރުސަތަށް އެދުމުން، އެކަން ސުޕްރީމް ކޯޓުން ބަލައިނުގަތުމުންނެވެ. އެ މައްސަލާގައި ތަދައްހުލްވާން ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ނަމަވެސް ސީދާ ޕާޓީން ތަދައްހުލްވާން ހުށަހަޅަން ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުމުގައި ވަނީ ފާސްކޮށްފައެވެ.

މިއީ ދުސްތޫރީ މައްސަލައަކަށްވާތީ ވަކިވަކި މެންބަރުން މި މައްސަލައަށް ތަދައްހުލްވުމުގެ ފުރުސަތު ސްޕްރީމް ކޯޓުން ނުދިނެވެ. އެހެންނަމަވެސް ޕާޓީއަށް އެ ފުރުސަތު މިވަނީ ދީފައެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީއަށްވެސް ވަނީ މިފުރުސަތު ދީފައެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު 10:00 އަށް ވަނީ ތާވަލްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހުއެވެ. ޖުމްލަ 49 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވިއެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބޮޑު ބައްޔާއެކު ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ސޯލިހަށް ނުލިބި އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު ރައީސް ސޯލިހުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހުން ވަނީ ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައެވެ.

ނަމަވެސް ރައީސް ނަޝީދުގެ މައްސަލަ ތާވަލްކުރުމަށްފަހުވެސް މަޖިލީހުގެ ޖަލްސާތައް ދަނީ ކެންސަލް ކުރަމުންނެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ބުނަމުންދާތީ މިމައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދެވޭ ގޮތެއް ނުވެއެވެ.

އީވާ މިހާރު ވިދާޅުވަނީ މިމައްސަލަ އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ މަޖިލީހުގެ ޖަލްސާގައި ރިޔާސްތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނަމުން ދަނީ އެއީ މުޅިން ތަފާތު ދެ ކަމެއް ކަމަށާއި ސްޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ނުނިންމިޔަސް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމުނު

    މީކީއްވެގެން އުޅޭ ބަިއގަޑެއް

    3
    1
  2. ކާޅު ބާޒުު

    ތަދައްޚުލް ވެގެންވެސް ތިކަން ކޮންމެވެސް ކޮޅެއްގަ ޖެހެން.

    2
    1
  3. މާޟީ

    އެންމެން ގަބޫލުކުރޭ މަޖިލިހަކީ ހޮވުމައްފަހު އެމީހެއްގެ ވަކި ކަމެއް ޙާސިލް ކުރުމައް މަސައްކަތް ކުރާބައެއް ވީމާ ހުރިހާ އެންމެން ވެސް މީހުން ހޮވާއިރު މިކަމައް ވިސްނާތި