ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާހްކޮށްފިއެވެ. އެ ދަފްތަރު ބަލަހަށްޓަމުން ގެންދަނީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީއެފްޕީއެސް) އިންނެވެ.

އެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާހްކޮށްދެއްވާފައިވަނީ ޖެންޑާ މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އަދި ފެށުމެއް ކަމަށާއި އަދި މި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޕީޖީ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެ ދަފްތަރު، ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ، އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ރޭޕްއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"މި މައުލޫމާތައި މި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ މިފަދަ އަނިޔާ ލިބިފައިވާ ކުދިންގެ ހައްގުގައިވެސް ކުރުން ވަރަށް މުހިންމު ކަމެއް. ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ ޕީޖީ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކުގައި. ޕީޖީ ހުސައިން ޝަމީމް އަދި އެ އޮފީހުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަން." މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެ ރަސްމިއްޔާތުގައި ޕީޖީ ޝަމީމް ވިދާޅުވީ މި މަސައްކަތަކީ އަދި ފެށުމެއްކަމަށެވެ އަދި އެ ދަފްތަރު ހަރުދަނާކުރުމުން ކަމާގުޅުން ހުރި ހުރިހާ މުޢައްސަސާތަކަކުން އެއްގޮތަކަށް މައުލޫމާތުތައް ޝާއިއު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ. އެ ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހް ފަދަ މުހިންމު މައުލޫމާތުތައް ހިމެނެއެވެ. އެ ދަފްތަރު އަދާހަމަކޮށް ޝާއިއުކުރަމުން އައިކަމުގައި ވީނަމަވެސް އާންމުންނަށް އެ ވެބްސައިޓަށް ވާސިލުވުމަށް ދަތިތަކާއި ކުރިމަތިވިއެވެ.

ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއް. --- ވަގުތު އިމޭޖަސް

ޖެންޑާ މިނިސްޓްރީން ވިދާޅުވީ އެ ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މައުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުން ކަމަށެވެ. އަދި އާންމުންނަށް ފަސޭހައިން އެ ދަފްތަރުގައި ހުރި މައުލޫމާތަށް ވާސިލުވުން ކަމަށެވެ. އެގޮތުން، ފިލްޓާކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މައުލޫމާތު ހޯދޭނެގޮތް މިހާރުވަނީ ފަހިކޮށްފައި ކަމަށެވެ.

އެ ދަފްތަރުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މައުލޫމާތުތަކަކީ ޕީޖީ އޮފީހުން ފޯރުކޮށްދެއްވުމުން، ސީއެފްޕީއެސް ޝާއިއުކުރާ މައުލޫމާތް ކަމަށް މިނިސްޓްރީން ބުނެއެވެ. ޕީޖީއިން ފޯރުކޮށްދެއްވާ މައުލޫމާތު ބިނާވާނީ، ޝަރުއީ ކޯޓަކުން ނިންމާ ހުކުމްގެ މައްޗަށް ބިނާކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    އަހަރުމެން އަޑުއަހަނީ މީހުންކުރާ ނުބައި ކަނކަމުގެ ވާހަކަ އާންމު ނުކުކުރަން ﷲ ގެ ރަސޫލާގެ ހަދީސް ބަސްފުޅެްގަ އޮންނަވާހަކަ . މަސްތުވާތަކެތި ގައުމުގަ އާންމުކުރީ އިސްތިހާރު ކޮށްގެން މިހާރު ކުޑަކުދިންނަށް ޖިންސީގޯނާކުރަން އިސްތިހާރެއްހެއްދެވީބާ؟